ހަނގުރާމައަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރަން އެދޭ، ހުއްދައެއް ނުދޭނަން: ހަލީލް

އެއްވެސް ގައުމަކަށް އެހެން ގައުމަކަށް ހަމަލާދިނުމަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ފުރުސަތު ނުދޭނެކަމަށް ހަލީލް ވިދާޅުވި.

ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ. --ފޮޓޯ: ރައީސް އޮފީސް

މެދުއިރުމަތީގައި މިހާރު ކުރަމުންދާ ހަނގުރާމައިގައި، ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރަން އެދެމުންދާ ކަމަށާއި، ނަމަވެސް އެއްވެސް ގައުމަކަށް އެ ހުއްދަ ނުދޭނެކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.

ހަނގުރާމަ ފެށުމާއެކު، ރާއްޖެއާއި ދިވެހިންގެ ކަންކަން ބެލެހެއްޓުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވާފައިވާ މިނިސްޓަރުންގެ ހާއްސަ ކޮމިޓީން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަލީލް ވިދާޅުވީ، ހަނގުރާމަ ކުރުމަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރުމަށް އެދެމުންދާ ކަމަށެވެ.

ނަމަވެސް، އެއްވެސް ގައުމަކަށް އެހެން ގައުމަކަށް ހަމަލާދިނުމަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ފުރުސަތު ނުދޭނެކަމަށް ހަލީލް ވިދާޅުވި އެވެ. 

"ރާއްޖޭގެ ވައިގެ ސަރަހައްދުން އެއްވެސް ގައުމަކަށް، އެއްވެސް ގައުމަކަށް ހަމަލާދިނުމަށް ބޭނުންކުރެވިފައި ނުވާނެ ކަން އަޅުގަނޑު ހަމަ ދަންނަވާލަން. އަދި އެފަދަ އަންނަ ރިކުއެސްޓުތައް ވެސް އަޅުގަނޑުމެން ރިޖެކްޓު ކުރަމުންދާ ކަން ތިބޭފުޅުންގެ މައުލޫމާތަށްޓަކާ ދަންނަވާލަން،" އޭނާ ޔަގީންކަން ދެއްވި އެވެ.

ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާ އާއި އިޒްރޭލު ގުޅިގެން އީރާނަށް ދޭން ފެށި ހަމަލާތަކުގެ ރައްދުގައި، އީރާނުން ވެސް ދަނީ އިޒްރޭލުގެ އިތުރުން، މެދުއިރުމަތީގެ އެކި ގައުމުތަކަށް ހަމަލާ ދެމުންނެވެ.

އެކަމުގެ ސަބަބުން، އެ ސަރަހައްދުގައި ވައިގެ ދަތުރުފަތުރު އެކީގައިހެން ހުއްޓި، މުދާ އުފުލުމުގެ ވިއުގަތަކަށް ވެސް ވަނީ ވަރަށް ބޮޑަށް ބުރޫއަރައިފަ އެވެ.

ހަލީލް ވިދާޅުވީ، މެދުއިރުމަތީގައި މި ވަގުތު ތިބި ދިވެހިން ހާލު، ފޮރިން މިނިސްޓްރީ އާއި ދިވެހި އެމްބަސީތަކުން ގުޅިގެން ވަރަށް ގާތުން ބަލައި، އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.