ސްވައިޕް މެދުވެރިކޮށް ބޭރުން ގެންނަ ފައިސާއަށް ޗާޖެއް ނުނަގާނެ

މި ވޮލެޓުން ފެންނަނީ ދުނިޔޭގެ ޑިޖިޓަލް މާލީ ބާޒާރުގައި ރާއްޖެއާއި ރާއްޖޭގެ ފިންޓެކްގެ ހުނަރުވެރިކަމެވެ.

ސީއީއޯ މުހައްމަދު ޝަރީފު ވާހަކަ ދައްކަވަނީ -- ބީއެމްއެލް

ޕޭޕަލް އާއި ވައިސް ފަދަ ދުނިޔޭގެ އެހެން ވޮލެޓުތައް މެދުވެރިކޮށް ރާއްޖޭގެ ކަންކަމަށް ފައިސާ ދައްކާއިރު ޗާޖުތަކެއް ނެގިނަމަވެސް ސްވައިޕް މެދުވެރިކޮށް ޕާސަނަލް ވޮލެޓަށް ރާއްޖެއިން ބޭރުން ގެންނަ ފައިސާއަށް އެއްވެސް ފީއެއް ނުނަގާނެ ކަމަށް ބީއެމްއެލް އިން ބުނެފި އެވެ.

އައްޑޫގައި ސްވައިޕް ތައާރަފު ކުރަން ބޭއްވި ރަސްމިއްޔާތުގައި ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވީ ޕޭޕަލް، ވައިސް ފަދަ ދުނިޔޭގެ އެހެން ވޮލެޓުތައް މެދުވެރިކޮށް ރާއްޖޭގެ ކަންކަމަށް ފައިސާ ދައްކާއިރު ބައެއް ފަހަރު 100 ޑޮލަރަށް ޗާޖުގެ ގޮތުގައި 15 ޑޮލަރު ނަގާ ކަމަށާ އެކަމަކު ސްވައިޕުން ޕާސަނަލް ވޮލެޓަށް ރާއްޖެ އިން ބޭރުން ގެންނަ ފައިސާ އަށް އެއްވެސް ފީއެއް ނުނަގާނެ އެވެ. އަދި މި ވޮލެޓަކީ ފްރީލާންސަރުންނާއި އޮންލައިންކޮށް ވިޔަފާރިކުރާ ފަރާތްތަކަށް އެކި ގައުމުތަކުގެ ކްލައިންޓުން ނުވަތަ ކަސްޓަމަރުންގެ ފަރާތުން ފައިސާ ލިބިގަތުމަށް އެހީވާނެ ވަސީލަތަކަށްވާނެކަން ސީއީއޯ ފާހަގަ ކުރެއްވި އެވެ.

"މި ވޮލެޓަކީ ދުނިޔޭގެ ޑިޖިޓަލް މާލީ ބާޒާރުގައި ރާއްޖެއާއި ރާއްޖޭގެ ފިންޓެކްގެ ހުނަރުވެރިކަން ދައްކުވައިދޭ އުފެއްދުމެއް އަދި މިއީ މި ސަރަހައްދުގެ އެންމެ މޮޅު ޑިޖިޓަލް ބޭންކަށްވުމުގެ ލަނޑުދަނޑި ހާސިލްކުރުމަށް ބޭންކް އޮފް މޯލްޑިވްސް އިން ކުރަމުންދާ މަސައްކަތަށް ލިބުނު މުހިންމު ކުރިއެރުމެއް،" ޝަރީފު ވިދާޅުވި އެވެ.

ބޭންކުގައި ގިނަ ދުވަސްތަކެއް ވަންދެއް މަސައްކަތް ކުރައްވައި އިސް ގިނަ މަގާމުތަކެއް ފުރުއްވި ޝަރީފު ވިދާޅުވި ގޮތުގައި ސްވައިޕަކީ ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ ރަސްމީ ވޮލެޓެވެ. އަދި ރާއްޖެ އަންނަ ޓޫރިސްޓުން އެހެން ވޮލެޓުތަކާއި ކްރެޑިޓް ކާޑުން ފައިސާ ދައްކާއިރު މިހާރު 2.5 ޕަސެންޓަށް ވުރެ މަތިން ކޮމިޝަން ނެގި ނަމަވެސް ސްވައިޕް މެދުވެރިކޮށް ކުރާ މުއާމަލާތްތަކުން ނަގާނީ އެއް ޕަސެންޓެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ސްވައިޕުން ދުނިޔޭ ކޮންމެ ބޭންކަކުން ދޫކޮށްފައިވާ ޑެބިޓް، ކްރެޑިޓް އަދި ޕްރީޕެއިޑް ކާޑު ބޭނުންކޮށްގެން ވެސް ސްވައިޕް ވޮލެޓަށް ފައިސާ ޖަމާކުރެވޭނެ އެވެ. ބީއެމްއެލްގެ އެކައުންޓުތަކަށް ފައިސާ ފޮނުވައި އަދި ފައިސާ ނެގޭނެކަން ޝަރީފު ފާހަގަ ކުރެއްވި އެވެ.

"ސްވައިޕް މެދުވެރިކޮށް ކަސްޓަމަރުން ފައިސާ ދެއްކުމުން ވަގުތުން އެ ވިޔަފާރިއަކަށް ފައިސާ ޖަމާވާނެ. މާނައަކީ އެއީ ބަންދު ދުވަހެއް ކަމަށް ވިޔަސް ސްވައިޕް މެދުވެރިކޮށް ތަނަކަށް ފައިސާ ދައްކައިފި ނަމަ އެ ފައިސާއެއް ވަގުތުން ޖަމާވާނެ،" ޝަރީފު ފާހަގަ ކުރެއްވި އެވެ.

ސްވައިޕް ފަރުމާކޮށްފައިވަނީ ރާއްޖޭގެ އިތުރުން ފައިސާގެ މުއާމާލާތް ހިންގުމުގައި ކަނޑައަޅާފައިވާ ބައިނަލްއަގުވާމީ ޝަރުތުތަކާއި މިންގަނޑުތަކަށް ފުރިހަމައަށް ފެތޭ ގޮތަށެވެ. އަދި ސްވައިޕް ވޮލެޓް މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ މުއާމަލާތްތައް ކުރެވޭނެ. އަދި ބީއެމްއެލް އެކައުންޓްތަކުގެ އިތުރުން ކޮންމެ ކްރެޑިޓް، ޑެބިޓް އަދި ޕްރިޕެއިޑް ކާޑަކުންވެސް ސްވައިޕް ވޮލެޓަށް ފައިސާ ޖަމާކުރެވޭނެ އެވެ. މި ވޮލެޓަކީ، ދުނިޔޭގެ ޑިޖިޓަލް މާލީ ބާޒާރުގައި ރާއްޖެއާއި ރާއްޖޭގެ ފިންޓެކްގެ ހުނަރުވެރިކަން ދައްކުވައިދޭ އުފެއްދުމެކެވެ. އަދި މިއީ މި ސަރަހައްދުގެ އެންމެ މޮޅު ޑިޖިޓަލް ބޭންކަށް ވުމުގެ ލަނޑުދަނޑި ހާސިލްކުރުމަށް ބޭންކް އޮފް މޯލްޑިވްސް އިން ކުރަމުންދާ މަސައްކަތަށް ލިބުނު މުހިންމު ކުރިއެރުމެކެވެ.

ސްވައިޕް ކުރުކޮށް

  • ސްވައިޕް އަކީ ދިވެހީން އުފައްދައި ތަރައްގީކޮށްފައިވާ %100 ދިވެހި އުފެއްދުމެއް
  • ވިޔަފާރިތަކުން ނަގާނީ އެންމެ 1 ޕަސެންޓް ފީއެއް
  • ސްވައިޕް އަކީ ވިޒިޓް މޯލްޑިވްސްގެ ރަސްމީ ވޮލެޓް
  • ސްވައިޕްގެ ސަބަބުން ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންނަށް ފަސޭހަ ވެގެންދާނެ
  • ކޮންމެ ކާޑަކުން ވެސް ސްވައިޕަށް ފައިސާ ޖަމާކުރެވޭނެ

ސްވައިޕުގެ މުހިންމު ފީޗާތައް - ޕާސަން-ޓުޕަރސަން ޓްރާންސްފަރތަކާއި ކިއުއާރް ޕޭމަންޓް އަދި އެކައުންޓުން ކުރާ ޚަރަދުތަކުގެ ތަފާސް ހިސާބުތައް އަމިއްލައަށް ބަލާލެވޭނެ ގޮތާއި، ޕޭމަންޓް ލިންކް ޝެއާކޮށް، ފަސޭހައިން ޓޮޕް އަޕްކޮށް ފައިސާ ނެގުން ފަދަ ޚިދުމަތްތައް ހިމެނޭ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.