އޭނާ ހައްޔަރުކޮށްފައި ވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް އެރަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިންނެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ލ. މާވަށް، ބޭސްގެ، މުހައްމަދު އިބްރާހިމް، 43، އެވެ.
ފުލުހުން މިއަދު ބުނީ އޭނާ ހައްޔަރުކޮށްފައި ވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް އެރަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
މިމަހުގެ 10 ވަނަ ދުވަހުގެ ރޭ ފުލުހުން ރަށުތެރެ ޕެޓްރޯލް ކުރަމުން ދިޔައިރު، އޭނާއާމެދު ތުހުމަތުކުރެވިގެން ހުއްޓުވައި، ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 63 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން މުހައްމަދު އިބްރާހިމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހަށް ވަނީ ބަންދުކޮށްފަ އެވެ.