އައްޑޫ ކަރަންޓު މަޝްރޫއު ހަވާލުކުރި ކުންފުންޏާ މެދު އުފައްދާ ޝައްކުތައް ދޮގުކޮށްފި

ނަޖާހް ވަނީ، އައްޑޫގެ ކަރަންޓު މަޝްރޫއު ހަވާލުކުރި ކުންފުންޏަކީ، އެ މަސައްކަތަށް، ގާބިލު ތަޖުރިބާކާރު ކުންފުންޏެއްކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

އައްޑޫ ސިޓީގެ އިންޖީނުގެ އަޅަން އެއްބަސްވުމުގައި ސޮއިކުރުން. --ފޮޓޯ: ފެނަކަ

އައްޑޫ ސިޓީއަށް ކުރިމަތިވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނުވާނެ، އިންޖީނުގޭގެ މަޝްރޫއު ހަވާލުކުރި ކުންފުނީގެ ގާބިލުކަމާ މެދު އުފައްދަމުންދާ ސުވާލުތަކަށް ފެނަކަ ކޯޕަރޭޝަނުން ރައްދު ދީފި އެވެ. 

ފެނަކައިން އެ މަސައްކަތް ހަވާލުކުރީ ދުބާއީގެ ޑެފިނިޓް ސޮލިއުޝަންސް ނަމަކަށް ކިޔާ ކުންފުންޏަކާ އެވެ. ނަމަވެސް، އެ ކުންފުންޏަކީ ވަރަށް ފަހުން އުފެއްދި ކުންފުންޏެއް ކަމަށާއި، އެފަދަ ބިޔަ މަޝްރޫއެއް އެ ކުންފުންޏަށް ހިންގިދާނެކަމާމެދު ސޯޝަލް މީޑިޔާގައި ދަނީ ސުވާލު އުފައްދަމުންނެވެ. 

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ފެނަކައިގެ އެމްޑީ މުހައްމަދު ނަޖާހް ވަނީ، އައްޑޫގެ ކަރަންޓު މަޝްރޫއު ހަވާލުކުރި ކުންފުންޏަކީ، އެ މަސައްކަތަށް، ގާބިލު ތަޖުރިބާކާރު ކުންފުންޏެއްކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

"އަޅުގަނޑުމެން މި މަސައްކަތް ކުރުމަށް މި ހަވާލުކުރީ ދުބާއީ ކުންފުންޏަކާ. މި ކުންފުންޏަކީ މިހާރުވެސް ދުބާއީގެ 28 މެގަވޯޓާއި، 18 މެގަވޯޓާއި ދެމެދުގެ ދެ ޕްރޮޖެކްޓެއް ކުރިއަށްގެންދާ ކުންފުންޏެއް. އެ ބޭފުޅުންގެ އެކްސްޕީރިއެންސް އެބަހުރި. އަޅުގަނޑުމެން އައްޑޫއަށް މި ގެންނަނީ ދާއިމީ ހައްލެއް،" ނަޖާހް ވިދާޅުވި އެވެ.

ގާތްގަނޑަކަށް 31 މިލިއަން އެމެރިކާ ޑޮލަރުގެ މި މަޝްރޫއުގެ ދަށުން އިންޖީނުގޭގައި ބެހެއްޓުމަށް ހަމަޖެހިފައި ވަނީ ބެލްޖިއަމް ކުންފުންޏެއް ކަމަށްވާ އަންގްލޯ ބެލްޖިއަން ކޯޕަރޭޝަން (އޭބީސީ)ގެ އިންޖީނުތަކެއް ކަމަށް ފެނަކައިން މައުލޫމާތު ދީފައިވެ އެވެ.

ޔޫރަޕްގައި ބޭނުންކުރާ މި ބްރޭންޑްގެ އިންޖީނުތަކަކީ، މިހާރު އައްޑޫގައި ހުރި ހައި ސްޕީޑް އިންޖީނުތަކާ ހިލާފަށް ލޯ ސްޕީޑް ޒަމާނީ އިންޖީނުތަކެއް ކަމަށް ފެނަކައިން ބުނެފައިވެ އެވެ.

އައްޑޫގެ އާ އިންޖީނުގެ އެޅުމުގެ މަޝްރޫއު 2024 ވަނަ އަހަރު ޗައިނާގެ ޑޮންފަން ކުންފުންޏާ ހަވާލުކުރިޔަސް، އެ މަޝްރޫއު ކުރިއަށް ނުގެންދާތީ އެ އެއްބަސްވުން މިހާރު ބާތިލުކޮށްފައިވާ ކަމަށް ވެސް ފެނަކައިން ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.