ނޯތު ހާބަރުން އުޅަނދުތަކަށް ޖާގަ ދޫކުރާ އުސޫލަށް ބަދަލުތަކެއް ގެނެސްފި

އެ ބަދަލުތަކަށް އަންނަ ހޮނިހިރު ދުވަހު ހެނދުނު 8:00 އިން ފެށިގެން އަމަލު ކުރާނެ ކަމަށް އެމްޕީއެލް އިން ބުންޏެވެ.

މާލޭގެ ނޯތު ހާބަރު ސަރަހައްދު

މާލެ ނޯތު ހާބަރު ބޭނުން ކުރާ އުޅަނދުތަކަށް ޖާގަ ދިނުމަށް އަމަލު ކުރަމުންދާ އުސޫލަށް ބަދަލުތަކެއް ގެންނަން މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން ނިންމައިފި އެވެ.

އެމްޕީއެލް އިން މިއަދު ކުރި އިއުލާނެއްގައި ވަނީ މުދާ އުފުލާ އުޅަނދުފަހަރަށް ނޯތު ހާބަރަށް ވަންނަން ނަން ނޯޓު ކުރާ ގޮތާއި ނަން ކެންސަލް ވާ ގޮތާއި އަލުން ކިއު އަށް އެރުމުގައި އަމަލު ކުރާނެ އުސޫލުތަކެއް ބަޔާން ކޮށްފަ އެވެ.

އެ ބަދަލުތަކަށް އަންނަ ހޮނިހިރު ދުވަހު ހެނދުނު 8:00 އިން ފެށިގެން އަމަލު ކުރާނެ ކަމަށް އެމްޕީއެލް އިން ބުންޏެވެ. 

އެގޮތުން އެމްޕީއެލް އިން ވަނީ ހަތް ބަދަލެއް ގެންނަން ނިންމައިފަ އެވެ. އެއީ؛ 

  •  މުދަލާއި ޕަސެންޖަރުން އުފުލާ އުޅަނދުފަހަރު، މާލެ ނޯތު ހާބަރުގެ ކީވޯލަށް ދައްކަންޖެހޭ ފައިސާ ދައްކާ ނިމުމަށްފަހު، ފުރާވަގުތުން ފެށިގެން ކޮންްމެ ކިޔު އެއްގައިވެސް ނޯޓު ކުރެވިދާނެ
  •  ކިޔު ތަރުތީބުން ކީވޯލުން ޖާގަދިނުމަށް ނޯތު ހާބަރު އޮފީހުން ގުޅުމުން، އެއްވެސް ސަބަބަކާ ހުރެ 2 (ދޭއް) ގަޑިއިރު ތެރޭގައި ކީވޯލަށް ކައިރިނުކުރެވިއްޖެނަމަ ނުވަތަ ފޯނަށް ނުގުޅިއްޖެ ހާލަތެއްގައި، އެ އުޅަނދެއް އޭ-ޒޯން އަދި ސީ-ޒޯން ކިޔުއިން ވަގުތީގޮތުން "ހޯލްޑް" ކުރެވޭނެ. އަދި ކިޔުގައި ދެން ހުރި އުޅަނދުތަކަށް ތަރުތީބުން ގުޅާ ޖާގަ ދެމުންގެންދާނެ
  •  މި ދެ ޒޯނުން "ހޯލްޑް" ކުރެވޭ އުޅަނދުތައް އަލުން ކިޔުއަށް އިތުރުކުރެވޭނީ (އަންހޯލްޑް ކުރެވޭނީ)، އެ އުޅަނދެއް ގްރޭޓަރ މާލެ ސަރަހައްދަށް ވަނުމަށްފަހު ނޯތު ހާބަރު އޮފީހަށް ގުޅައި އެކަމަށް އެދުމުން. މިގޮތަށް ގުޅައި "އަންހޯލްޑް" ކުރުމަކީ އެ އުޅަނދެއްގެ ފަރާތުން ފުރިހަމަކުރަންޖެހޭ ޒިންމާއެއް
  •  އޭ-ޒޯން އަދި ސީ-ޒޯން ކިޔުގައި "ހޯލްޑް" ކުރުމަށްފަހު އަލުން ކިޔުއަށް އިތުރުކުރާ އުޅަނދުތަކަށް، ޖާގައެއް ހުސްވެއްޖެނަމަ ގުޅާނީ "އަންހޯލްޑް" ކުރިތާ 2 (ދޭއް) ގަޑިއިރު ފަހުން. އެ ވަގުތު ހަމަވުމުން އޮފީހުން ގުޅުމުންވެސް، އެއްވެސް ސަބަބަކާ ހުރެ ޖާގައަށް ކައިރިނުކުރެވިއްޖެނަމަ ނުވަތަ ފޯނަށް ޖަވާބު ނުދެވިއްޖެނަމަ ޖާގަ ފަސްކުރެވޭނެ. މިގޮތަށް ފަސްކޮށްދެވޭނީ ގިނަވެގެން 3 (ތިން) ފަހަރުއެވެ. 4 ވަނަ ފަހަރު ކިޔުއިން ކެންސަލްވާނެ
  •  އޭ-ޒޯން އަދި ސީ-ޒޯންގައި "ހޯލްޑް" ކުރުމުގެ ފުރުސަތު އޮތް ނަމަވެސް، އެކްސްޕްރެސް ކިޔުގައި "ހޯލްޑް" ނުވަތަ "ޕޯސްޓްޕޯން" (ފަސް) ކުރުމެއް ނޯންނާނެ. އެކްސްޕްރެސް ކިޔުއިން ޖާގައެއް ހުސްވެގެން ގުޅުމުން، އެ ޖާގައަށް ކައިރިކުރުމަށް ލިބޭނީ 4 (ހަތަރެއް) ގަޑިއިރުގެ ވަގުތެކެވެ. މި ވަގުތަށް ކީވޯލް ޗާޖް ހިނގާނެ. އަދި މި 4 ގަޑިއިރު ތެރޭގައި ކީވޯލަށް ކައިރި ނުކުރެވިއްޖެނަމަ، އެ އުޅަނދެއް ކިޔުއިން ކެންސަލްވާނެ
  •  އޭ-ޒޯން އަދި ސީ-ޒޯން ކިޔުއިން "ހޯލްޑް" ކުރުމަށްފަހު، "އަންހޯލްޑް" ނުކޮށް ގިނަވެގެން ބޭއްވޭނީ 5 (ފަސް) ދުވަސް ނުވަތަ 120 ގަޑިއިރަށް. މި މުއްދަތު ހަމަވުމުން ކިޔުއިން އުޅަނދު އުނިކުރެވޭނެ
  •  މާލެ ނޯތު ހާބަރުން ފުރުމަށްފަހު ކިޔުގައި ނޯޓު ކުރުމާއި، ކިޔުއިން ކެންސަލްވުމަށްފަހު އަލުން ނަން ނޯޓުކުރުމަކީ އެ އުޅަނދެއްގެ ޒިންމާއެއް

ނޯތު ހާބަރު ސަރަހައްދުން ބޮޑުތަކުރުފާނު މަގު ތާރު އަޅައި މަގު ފުޅާ ކުރުމަށް ފަހު އަލުން ހުޅުވާލާފައި ވަނީ މިދިޔަ މަހު 19 ގަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.