މެދުއިރުމަތީގައި ދެ ފަރާތުގެ އަމަލުތައް ކުށްވެރިކޮށް، ހަމަލާތައް ހުއްޓައިލަން ރާއްޖޭން ގޮވާލައިފި

މިއީ ފެބްރުއަރީ 28ގައި، އެމެރިކާ އާއި އިޒްރޭލު ގުޅިގެން އީރާނާ ދެކޮޅަށް އުދުވާނުތައް ފެށި ފަހުން، އެ ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކުރި ފުރަތަމަ ފަހަރެވެ.

ފޮރިން މިނިސްޓަރު ޑރ. ހަލީލް. --ފޮޓޯ: ފޮރިން މިނިސްޓްރީ

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގައި ދެ ފަރާތުން ވެސް ހިންގަމުންދާ އަމަލުތައް ކުށްވެރިކޮށް، ހަމަލާތައް ވަގުތުން ހުއްޓައިލަން ދިވެހި ސަރުކާރުން ގޮވާލައިފި އެވެ.

ދިވެހި ސަރުކާރުގެ ފަރާތުން ފޮރިން މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ވަނީ، އެމެރިކާ އާއި އިޒްރޭލު ގުޅިގެން އީރާނަށް ދޭން ފެށި ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ.

މިއީ ފެބްރުއަރީ 28ގައި، އެމެރިކާ އާއި އިޒްރޭލު ގުޅިގެން އީރާނާ ދެކޮޅަށް އުދުވާނުތައް ފެށި ފަހުން، އެ ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކުރި ފުރަތަމަ ފަހަރެވެ.

ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވަނީ އިޒްރޭލާއި އެމެރިކާއިން އީރާނުގެ ކުޑަކުދިންގެ ސްކޫލަކަށް ދިން ހަމަލާގެ އިތުރުން، މީހުން ދިރިއުޅޭ ސަރަހައްދުތަކާއި ތެޔޮ ކާރުހާނާތަކަށް ހަމަލާތައް އަމާޒުކުރަމުންދާތީ ކަންބޮޑުވުންފާޅުކޮށްފަ އެވެ.

އެ އުދުވާނުގެ ރައްދުގައި، އީރާނުން ގަލްފުގެ އެކި ގައުމުތަކަށް ދެމުންދާ ހަމަލާތައް ވެސް އެ ބަޔާނުގައި ވަނީ ކުށްވެރިކޮށްފަ އެވެ. 

މިގޮތުން، ގަތަރާއި ސައުދީ އަރަބިއްޔާ، ޔޫއޭއީ، ބަހްރެއިން އަދި ކުވެއިތު ފަދަ މުސްލިމު ގައުމުތަކުން އިސްވެ ހަމަލާ ނުދެނީސް، އީރާނުން ހަމަލާތައް އަމާޒުކުރަމުންދާތީ ކަންބޮޑުވާކަމަށް ދިވެހި ސަރުކާރުން ބުންޏެވެ.

މި ނުތަނަވަސްކަން އިތުރަށް ގޯސްވާ ގޮތަށް، ދެ ފަރާތުން ވެސް ހިންގަމުންދާ އަމަލުތަކަކީ، ދިވެހި ސަރުކާރުން ބުނި ގޮތުގައި، ބައިނަލްއަގުވާމީ ގާނޫނުތަކާއި ކަމާގުޅޭ މުއާހަދާތަކާ ކަނޑައެޅިގެން ހިލާފަށް ހިންގަމުންދާ އަމަލުތަކެކެވެ.

އަދި މި އަމަލުތަކުގެ ސަބަބުން، މެދުއިރުމަތީގައި ސުލްހަ އާއި ހަމަޖެހުން ގާއިމުކުރުމަށް ހުރަސްއެޅޭ ކަމަށް ބަޔާނުގައި ބުންޏެވެ.

އެއާ އެކު، މަޝްވަރާގެ އުސޫލު ހިޔާރުކޮށް، ހުރިހާ ފަރާތްތަކުން ވެސް ހަމަލާތައް ހުއްޓައިލަން ދިވެހި ސަރުކާރުން ވަނީ ގޮވާލައިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.