ދެ އިންތިހާބު އެއްކޮށްލަން އެމްޑީއޭ ތާއީދު

އެ ބަޔާނުގައި ބުނީ އިންތިހާބުތައް އެއްކޮށްލުމަކީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށާއި ދަރަނި މެނޭޖްކުރަން ލިބޭނެ ވަރަށް ބޮޑު ލުޔެއް ކަމަށް ސަރުކާރުން ބުނާ ބުނުމަށް އެ ޕާޓީން އެއްބަސްވާ ކަމަށެވެ.

ސަން ސިޔާމް ރިސޯޓްސްގެ ވެރިޔާ އަހުމަދު ސިޔާމް މުހައްމަދު

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލާ ނިންމުމަށް ތާއިދުކުރާކަން މީދޫ ދާއިރާގެ މެންބަރު އަދި ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދުގެ އެމްޑީއޭ އިން ހާމަކޮށްފި އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީއަށް ގެނައި އިސްލާހުގައި ވަނީ މަޖިލީސް އިންތިހާބު ބާއްވަންވާނީ ކޮންމެ ފަސް އަހަރަކުން ރައީސަކު ހޮވަން ބާއްވާ ރިޔާސީ އިންތިހާބާ އެކުގައި ކަމަށެވެ. އަދި މަޖިލީހުގެ އުމުރަކީ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ފަސް އަހަރު ދުވަސް ކަމަށް ވެސް އެ އިސްލާހުގައިވެ އެވެ.

ނަމަވެސް އެ އިސްލާހު ތަސްދީގުކުރުމުގެ ކުރިން، އެކަން ކުރަން ފެނޭތޯ ބެލުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނަގަން ޖެހެ އެވެ. އެހެންވެ، ރައީސް މުހައްމަދު މުއިއްޒު ނެރުއްވި ގަރާރަކުން ވަނީ އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިހާބާ އެކު ހިޔާލު ހޯދުމުގެ ވޯޓު ވެސް ނެގުމަށް ނިންމާފަ އެވެ.

އެކަމާ ގުޅިގެން އެމްޑީއޭ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ދެ އިންތިހާބު އެއްކޮށް ބާއްވަން ސަރުކާރުން ނިންމި ނިންމުމަށް އެ ޕާޓީން މަރުހަބާ ކިޔާ ކަމަށެވެ. އަދި އެއީ އެ ޕާޓީން ފުރިހަމައަށް ތާއީދުކުރާ ކަމެއް ކަމަށާއި، އެއީ ރާއްޖޭގެ އިގްތިސޯދީ ހާލަތަށާއި ސުލްހައަށް ބަލާއިރު ވެސް ދިވެހި ދައުލަތަށާއި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތް ކަމަށް އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ބުނީ އިންތިހާބުތައް އެއްކޮށްލުމަކީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށާއި ދަރަނި މެނޭޖްކުރަން ލިބޭނެ ވަރަށް ބޮޑު ލުޔެއް ކަމަށް ސަރުކާރުން ބުނާ ބުނުމަށް އެ ޕާޓީން އެއްބަސްވާ ކަމަށެވެ. އަދި އެއީ ގައުމުގެ ކުރިމަގަށް އަޅާ ރަނގަޅު ފިޔަވަޅެއް ކަމަށެވެ.

"މި ޕާޓީގެ ރައީސް އަހުމަދު ސިޔާމް މުހައްމަދަކީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށާއި އިގްތިސާދީ ގޮންޖެހުންތަކުން އަރައިގަތުމަށް ބޭނުންވާ ޒިންމާދާރު ސިޔާސަތުތައް އެކަށައެޅުއްވުމަށް ވަކާލާތުކުރައްވާ ބޭފުޅެކެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުންނާއި ރާއްޖޭގެ ފުންނާބު އުސް ވިޔަފާރިވެރިއެއްގެ ހައިސިއްޔަތުން އެމަނިކުފާނު އަބަދުވެސް އިސްކަން ދެއްވަނީ ގައުމުގެ އިގްތިސާދީ ހަމަޖެހުމާއި އިޖުތިމާއީ ބަދަހިކަމަށެވެ." އެ ބަޔާނުގައިވެ އެވެ.

މި އިސްލާހަށް އަމަލު ކުރަން ފެށުމުން 2028 ގެ ރިޔާސީ އިންތިހާބާއި 2029 ގެ މަޖިލިސް އިންތިހާބު ބާއްވަން ޖެހޭނީ އެކީގަ އެވެ. އަދި މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހުގެ ދައުރު ޑިސެމްބަރު 1، 2028 އަށް ހަމަވާނެ އެވެ.

މިހާރުގެ މަޖިލީސް ދައުރު ފެށުނީ މެއި 28، 2024 ގައެވެ. ގާނޫނު އަސާސީ މިހާރު އޮތް ގޮތުން ފަސް އަހަރުގެ ދައުރު ހަމަވާނީ މެއި، 2029 ގައެވެ. ނަމަވެސް މި އިސްލާހަށް އަމަލުކުރަން ފެށުމާއެކު ފަސް މަހެއްހާ ދުވަސް މި ދައުރުން އުނިވެގެން ދާނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.