އެޗްއާރްސީއެމް އަށް މައްސަލަ ހުށަހަޅާފައި ވަނީ ތިން ކިލޯގެ މަސްތުވާތަކެއްޗާ އެކު މިދިޔަ މަހުގެ ހައްޔަރުކުރި ދެ މީހުންގެ ތެރެއިން ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ހަނީފެވެ.

މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި ބިދޭސީއަކަށް ފުލުހުން އަނިޔާ ކުރި ކަމަށް ތުހުމަތު ކުރާ މައްސަލައެއް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ތަހުގީގު ކުރަން ފަށައިފި އެވެ.
އެޗްއާރްސީއެމް އަށް މައްސަލަ ހުށަހަޅާފައި ވަނީ ތިން ކިލޯގެ މަސްތުވާތަކެއްޗާ އެކު މިދިޔަ މަހުގެ ހައްޔަރުކުރި ދެ މީހުންގެ ތެރެއިން ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ހަނީފެވެ.
ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް އެޗްއާރްސީއެމް އިން އަންގާފައިވާ ކަމަށާއި އެ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.
އެ ތުހުމަތުތަކާ ގުޅިގެން ބެލިބެލުމުން އެ މީހާ ބަންދުކުރުމުގެ މަރުހަލާގައި އަދި ބަންދުގައި ހުރި މުއްދަތުގައި އަނިޔާއެއް ލިބިފައިވާ ކަމުގެ އެއްވެސް ޝަކުވާއެއް ކޮށްފައެއް ނުވާ ކަމަށް ފުލުހުން ބުންޏެވެ.
އޭގެ އިތުރުން ބަންދުގެ އިޖުރާއަތްތަކުގެ ތެރެއިން މައުލޫމާތު ސާފުކުރިއިރު އަނިޔާގެ އެއްވެސް ވާހަކައެއް ހިއްސާކޮށްފައި ނުވާ ކަމަށާއި އޭނާ ޑޮކްޓަރަށް ދެއްކުމަށް ވެސް އެދިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.