މީރާގެ މައުލޫމާތުތައް ދައްކާ ގޮތުން ޖުމްލަ ނުދައްކާ ހުރި ފައިސާގެ އަދަދު ގާތްގަނޑަކަށް 16.3 ބިލިއަން ރުފިޔާއަށް އަރަ އެވެ.

ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، އެންފޯސްމަންޓް ފިޔަވަޅުތައް އަޅައިގެން މިދިޔަ މަހު ޖުމްލަ 666 މިލިއަން ރުފިޔާ ހޯދައިފި އެވެ.
މީރާއިން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި ފައިސާ ހޯދާފައިވަނީ އެކި މަރުހަލާތަކަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ ހާއްސަ ހަރަކާތްތަކެއްގެ ތެރެއިންނެވެ.
އެންފޯސްޑް ކަލެކްޝަންގެ ތެރެއިން އެންމެ ބޮޑު އަދަދެއް ހޯދާފައިވަނީ ޑަނިންގް ނުވަތަ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ބާރުއެޅުމުގެ މަރުހަލާގެ ތެރެއިންނެވެ.
މީރާއިން ބުނީ މީގެ ތެރެއިން 399 މިލިއަން ރުފިޔާއަކީ ޓެކްސް ނުދައްކާ ފަރާތްތަކަށް ނޯޓިސް ފޮނުވައި، އިދާރީ ގޮތުން އެޅި ފިޔަވަޅުތަކުން ލިބުނު ފައިސާއެވެ. އަދި ޑިއުސް ކްލިއަރެންސް ނުވަތަ ހިދުމަތްތައް ހޯދުމަށްޓަކައި ދައްކަންޖެހޭ ބާކީ ފައިސާ ދެއްކުމުގެ ތެރެއިން 156 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
މީރާގެ އެންފޯސްމަންޓް ރިޕޯޓުތަކަށް ބަލާއިރު، ދައުލަތަށް ނުލިބި ހުރި ފައިސާ ނުވަތަ "ޓެކްސް އެރިއާސް" ގެ ގޮތުގައި ހުރި ޖުމްލަ އަދަދު ހުރީ ބިލިއަނުންނެވެ. ޖުމްލަ ނުދައްކާ ހުރި ފައިސާގެ އަދަދު ގާތްގަނޑަކަށް 16.3 ބިލިއަން ރުފިޔާއަށް އަރަ އެވެ.