މިއަދުގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު ވަނީ 114 ޑޮލަރަށް ވުރެ މައްޗަށް އަރާފަ އެވެ. މިއީ 2022 ވަނަ އަހަރަށްފަހު ތެލުގެ އަގު މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ.

މެދުއިރުމަތީގެ މަސްރަހު ގޯސްވެ، ދުނިޔޭގެ އެންމެ ބޮޑު ލިކުއިފައިޑް ނެޗުރަލް ގޭސް (އެލްއެންޖީ) އުފައްދާ ގަތަރުގެ ފެސިލިޓީ ބަންދުކުރުމާ ގުޅިގެން ވިލާތުގެ އިއްތިހާދަށް ހަކަތައިގެ ބޮޑު ކާރިސާއަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
މިހާރު ވިލާތުގެ ގޭސް ރައްކާކުރާ މިންވަރު 30 ޕަސެންޓަށްވުރެ ދަށަށް ގޮސްފައިވާއިރު، ބާޒާރުގައި ގޭހުގެ އަގުވަނީ އިންތިހާ އަށް އުފުލެން ފަށާފައެވެ.
ބްރަސަލްސްގައި މިއަދު ފެށުނު ޔޫރޯގްރޫޕްގެ ބައްދަލުވުމުގެ ކުރިން ގްރީސްގެ އިގްތިސާދީ ވަޒީރު ޕިއެރަކާކިސް ވިދާޅުވީ، މެދުއިރުމަތީގެ ނުތަނަވަސްކަމުގެ ސަބަބުން ޔޫރަޕްގެ އިއްތިހާދު (އީޔޫ) މިހާރު އޮތީ ބޮޑު އިމްތިހާނެއްގެ ކުރިމަތީގައި ކަމަށެވެ.
ޔޫރަޕުގައި މި ކާރިސާ ދިމާވާން މެދުވެރިވި މައިގަނޑު ސަބަބުތަކުގެ ތެރޭގައި މެދުއިރުމަތީގެ ހަނގުރާމައިގެ ނުތަނަވަސްކަމާ ގުޅިގެން "ގަތަރު އެނާޖީ" އިން ވަނީ ގޭސް އުފެއްދުން މެދުކަނޑާލައި، އެކްސްޕޯޓް ކުރުމުގައި "ފޯސް މަޖޫރޭ " އިއުލާންކޮށްފަ އެވެ. އަދި އީރާނުން ދެމުންދާ އިންޒާރުތަކާއި، އިންޝުއަރެންސް ކުންފުނިތަކުން އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކަށް ކަވަރޭޖް ދިނުން ހުއްޓާލުމާ ގުޅިގެން، ކަނޑު މަގުން ގޭސް އުފުލުމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފަ އެވެ. މީގެ އިތުރުން ޔޫކްރެއިން ހަނގުރާމައަށްފަހު ރަޝިޔާގެ ހޮޅިލައިންތަކުން ގޭސް ލިބުން މަދުވެފައިވާއިރު، ވިލާތުން މިހާރު ބޮޑަށް ބަރޯސާވަނީ އަގުބޮޑު އެމެރިކާގެ އެލް.އެން.ޖީ އަށެވެ.
ވިލާތުގެ ގައުމުތަކުން ކުރިއަށް އޮތް ފިނި މޫސުމަށް ތައްޔާރުވުމަށްޓަކައި ގާތްގަނޑަކަށް 67 ބިލިއަން ކިއުބިކް މީޓަރުގެ ގޭސް (700 އަށްވުރެ ގިނަ ކާގޯ) ބޭނުންވެ އެވެ. މި މިންވަރަށް ގޭސް ހޯދުމަށްޓަކައި އެކަނި ވެސް 40 ބިލިއަން ޑޮލަރަށްވުރެ ބޮޑު ހޭދައެއް ކުރަންޖެހޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މިއަދުގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު ވަނީ 114 ޑޮލަރަށް ވުރެ މައްޗަށް އަރާފަ އެވެ. މިއީ 2022 ވަނަ އަހަރަށްފަހު ތެލުގެ އަގު މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ. ހުކުރު ދުވަހުން ފެށިގެން މިއަދާ ހަމައަށް ތެލުގެ އަގަށް ވަނީ 25 އިންސައްތައިގެ ބޮޑު ކުރިއެރުމެއް އައިސްފައެވެ.