ތ. އާއި ލ. ގެ މަސްވެރިން ހިމެނޭ ގޮތަށް ދޮޅުމަސް ދުވަހުގެ ފައިސާއަށް 21 މިލިއަނަށްވުރެ ގިނަ ރުފިޔާ އަރަ އެވެ. އެ ފައިސާ ނުލިބިގެން މަސްވެރިން މާންދޫގައި އިހްތިޖާޖެއް ފެށިތާ މިއީ ތިން ވަނަ ދުވަހެވެ.
ލ. މާންދޫ ހޮރައިޒަން ފެކްޓަރީން މަސްވެރިން އަތުން މަސް ގަނެ ފައިސާ ނުދޭތީ ފެށި މުޒާހަރާގައި ބައިވެރިވާ ދޯނި ފަހަރަށް ފައިސާ ދޭން ހޮރައިޒަންއިން އެއްބަސްވެއްޖެ އެވެ.
ގާސިމް އިބްރާހިމްގެ މާންދޫ ފިޝަރީޒް ކޮންފްލެކްސް ހިންގާ ކުންފުނި ހޮރައިޒަންއިން މިއަދު ހަވީރު 6:00 ގެ ކުރިން މަސްވެރިންނަށް ފައިސާ ދޭނެ ކަމަށް ވަނީ އަންގާފަ އެވެ. އެއީ މުޒާހަރާގައި ބައިވެރިވެފައިވާ 26 ދޯންޏަކަށް ދޭންޖެހޭ ފައިސާ އެވެ.
އެނގިފައިވާ ގޮތުގައި މިއަދު އެފައިސާ ދޭނެ ކަމަށް ބަލައި މިހާރު ވަނީ މުޒާހަރާ ވަގުތީ ގޮތުން ހުއްޓާލާވެސް ލާފައެވެ. އަދި އިރުއޮއްސޭއިރު އެ ފައިސާ ނުދީފި ނަމަ އަލުން މުޒާހަރާ ޖައްސާނެ އެވެ.
ފައިސާ ދޭން ނިންމީ ވިލާ ގުރޫޕުގެ ސީއީއޯ ސިޔާދު ގާސިމާއި ހޮރައިޒަން ކުންފުނީގެ އެމްޑީ މުހައްމަދު ގާސިމް މަސްވެރިންނާ ބައްދަލު ކުރެއްވުމަށް ފަހު އެވެ. ފުރަތަމަ މަސައްކަތް ކުރީ ލޯނެއް ނަގައި ހަފުތާއެއްގެ ތެރޭގައި ފައިސާ ދޭށެވެ. މަސްވެރިން އެގޮތަށް އެއްބަސްނުވުމުން މިއަދު މުޒާހަރާކުރާ ދޯނިތަކަށް ދޭންޖެހޭ 8.6 މިލިއަން ރުފިޔާ ދޭން ނިންމީ އެވެ.
ތ. އާއި ލ. ގެ މަސްވެރިން ހިމެނޭ ގޮތަށް ދޮޅުމަސް ދުވަހުގެ ފައިސާއަށް 21 މިލިއަނަށްވުރެ ގިނަ ރުފިޔާ އަރަ އެވެ. އެ ފައިސާ ނުލިބިގެން މަސްވެރިން މާންދޫގައި އިހްތިޖާޖެއް ފެށިތާ މިއީ ތިން ވަނަ ދުވަހެވެ.