މަގު ހެދުމުގެ މަޝްރޫއުތަކާއި ގެދޮރު އިމާރާތްކުރުމުގެ މަޝްރޫއުތައް އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ އެ ލިސްޓުން އުނިކޮށްފަ އެވެ.

މަގު ހެދުމާއި ގެދޮރު އިމާރާތްކުރުމުގެ މަޝްރޫއުތަކަށް އެންވަޔަރަމަންޓް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހަދަން ނުޖެހޭ ގޮތަށް ގަވާއިދު ބަދަލުކޮށްފި އެވެ.
އީއައިއޭ ހެދުމާބެހޭ ގަވާއިދުގައި އެ ހަދަން ޖެހޭ އަދި ހަދަން ނުޖެހޭ މަޝްރޫއުތަކުގެ ލިސްޓު މުރާޖައާކޮށް މިދިޔަ ހުކުރު ދުވަހު އާންމުކޮށްފައިވާއިރު، މަގު ހެދުމުގެ މަޝްރޫއުތަކާއި ގެދޮރު އިމާރާތްކުރުމުގެ މަޝްރޫއުތައް އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ އެ ލިސްޓުން އުނިކޮށްފަ އެވެ.
އީއައިއޭ ހަދަން ނުޖެހޭ ލިސްޓުގައި 25 ބާވަތެއްގެ މަޝްރޫއު ހިމެނެ އެވެ.
ސަރުކާރުން ހިންގާ މަޝްރޫއުތައް އަވަސްކުރުމުގެ ބޭނުމުގައި އީއައިއޭގެ ހެދުމުގެ ގަވާއިދަށް މިދިޔަ އަހަރު ވެސް އިސްލާހު ގެނެސްފައިވާއިރު، އޭގެ ތެރޭގައި މިނިސްޓްރީން ކަނޑައަޅާ މަޝްރޫއުތަކުގެ އީއައިއޭގެ ރިޕޯޓް އަވަސް މުއްދަތެއްގެ ތެރޭގައި، އެއްވެސް ލަސްކަމެއް ނެތި ނިންމަން ޖެހޭނެ ކަމަށް ވަނީ ބަޔާންކޮށްފަ އެވެ.
ހާއްސަ އިސްކަމެއް ދޭ މަޝްރޫއުއެއްގެ ގޮތުގައި ބަލާނީ ކެބިނެޓުން ނުވަތަ ކެބިނެޓުގެ ކޮމިޓީއަކުން ކަނޑައަޅާ ގައުމީ ތަރައްގީގެ މަޝްރޫއުތައް ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ.