އީސީޕީއައި ރިޕޯޓުގައިވާ ގޮތުން ޖެނުއަރީ މަހާ އަޅާބަލާއިރު ފެބްރުއަރީ މަހު މާލޭގެ ބާޒާރުގައި އަގުތައް ވަނީ 1.54 ޕަސެންޓް އިތުރުވެފަ އެވެ.

މާލޭގެ ބާޒާރުގައި އާންމުކޮށް ބޭނުންކުރާ ތަކެތީގެ އަގުތައް ނުވަތަ އަސާސީ މުދަލުގެ އަގުތައް މިއަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު ފެބްރުއަރީ މަހު މައްޗަށް ގޮސްފައިވާ ކަމަށް ދައްކައިފި އެވެ.
މޯލްޑިވްސް ބިއުރޯ އޮފް ޓެޓިސްޓިކްސްއިން އާންމުކުރި ފެބްރުއަރީ މަހުގެ އެސެންޝަލް ކޮމޯޑިޓީޒް ޕްރައިސް އިންޑެކްސް (އީސީޕީއައި) ރިޕޯޓުގައިވާ ގޮތުން ޖެނުއަރީ މަހާ އަޅާބަލާއިރު ފެބްރުއަރީ މަހު މާލޭގެ ބާޒާރުގައި އަގުތައް ވަނީ 1.54 ޕަސެންޓް އިތުރުވެފަ އެވެ. އަދި ވޭތުވެދިޔަ އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު އަހަރުން އަހަރަށް މިއީ 1.04 ޕަސެންޓުގެ އިތުރުވުމެކެވެ.
މިދިޔަ މަހު އަގުތައް އެންމެ ބޮޑަށް އުފުލިފައިވަނީ ކާބޯތަކެތީގެ ބާވަތްތަކުންނެވެ. އެގޮތުން ކާބޯތަކެތީގެ އަގުތައް ވަނީ 2.06 އިންސައްތަ އަށް މައްޗަށް ގޮސްފަ އެވެ.
ވޭތުވެދިޔަ ފެބްރުއަރީ މަހު ބާޒާރުގައި އެންމެ ބޮޑަށް އަގު އުފުލިފައިވަނީ މޭވާގެ ބާވަތްތަކުންނެވެ. ޖެނުއަރީ މަހާ އަޅާބަލާއިރު މޭވާގެ އަގު ވަނީ 9.57 ޕަސެންޓް އުފުލިފަ އެވެ. އަދި ތަރުކާރީގެ އަގު ވަނީ 3.46 ޕަސެންޓް މައްޗަށް ގޮސްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ތަރުކާރީގެ އަގު 9.61 ޕަސެންޓް ހެޔޮވުމަށްފަހު، މި މަހު އައި ކުއްލި ބަދަލެކެވެ.
ކާބޯތަކެތީގެ ބައެއް ބާވަތްތަކުގެ އަގު މައްޗަށް ދިޔަ ނަމަވެސް، މަހުގެ ބާވަތްތަކުގެ އަގު ވަނީ 1.03 ޕަސެންޓް ދަށަށް ގޮސްފަ އެވެ.
އަގު ހެޔޮވި ބާވަތްތަކަށް ބަލާއިރު، އަމިއްލަ ސާފުތާހިރުކަމަށް ބޭނުންކުރާ ތަކެތި ޕާސަނަލް ކެއާގެ ސާމާނު ވަނީ 0.33 އިންސައްތަ ހެޔޮވެފަ އެވެ. އަދި އެހެނިހެން ކާބޯތަކެތީގެ ބާވަތްތައް ވަނީ 0.13 އިންސައްތަ ދަށަށް ގޮސްފަ އެވެ.
ސްޓެޓިސްޓިކްސް އިން ރިޕޯޓަކީ ނޮވެމްބަރު 2022 ބޭސް ޕީރިއަޑެއްގެ ގޮތުގައި ބަލައިގެން ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ. ފެބްރުއަރީ މަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މާލޭގެ ބާޒާރުގައި މޭވާއާއި ތަރުކާރީގެ އަގު އުފުލުމަކީ ޖުމްލަ އިންފްލޭޝަން މައްޗަށް ދިއުމަށް މެދުވެރިވި މައިގަނޑު ސަބަބެވެ.