ގާނޫނުއަސަސީގެ 162 (ހ) ގައި އެމަނިކުފާނަށް މިހާރު ވެސް ލިބިގެންވާ އިހްތިޔާރެއް ކަމަށާއި އެއީ ރައްޔިތުންގެ ކައިރީ އަހަން ޖެހޭ ކަމެއް ނޫން ކަމަށް އަހުމަދު އަބްދުﷲ ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމާ ގުޅޭ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ގަރާރުގައި އޮތީ ގާނޫނުއަސާސީ އާ ހިލާފަށް ކޮށްފައިވާ ނުބައި ސުވާލެއް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.
ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ރައީސް ނެރުއްވި ގަރާރުގައިވާ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ ވޯޓުގައި ކުރާނެ ސުވާލަކީ:
"ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށް ޓަކައި ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފައިވާ "ގާނޫނުއަސާސީ އަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު" ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމަށް ފެނޭ ހެއްޔެވެ؟"
އެ ވޯޓާ ދެކޮޅުވުމަށް ގޮވާލާ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އަހުމަދު އަބްދުﷲ ވިދާޅުވި ގޮތުގައި އެއީ ޣައިރު ދުސްތޫރީ ސުވާލެކެވެ.
ސަބަބަކީ މަޖިލީހުން ފާސް ކުރާ ބިލެއް ތަސްދީގު ކުރަން ފެންނަ ނަމަ އެކަން ކުރެއްވުމަކީ ގާނޫނުއަސަސީގެ 162 (ހ) ގައި އެމަނިކުފާނަށް މިހާރު ވެސް ލިބިގެންވާ އިހްތިޔާރެއް ކަމަށާއި އެއީ ރައްޔިތުންގެ ކައިރީ އަހަން ޖެހޭ ކަމެއް ނޫން ކަމަށް އަހުމަދު އަބްދުﷲ ވިދާޅުވި އެވެ.
ސުވާލު ކުރަން ޖެހޭނީ ތަސްދީގު ކުރަން ފެނޭތޯ ނުވަތަ ނޫންތޯއެއް ނޫން ކަމަށާއި ސުވާލުގައި އޮންނަން ޖެހޭނީ ރައްޔިތުންގެ މަޖިލީހުން ފާސް ކުރި އިސްލާހާ ބެހޭ ގޮތުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ބައެއް މީހުން ބުނެފާނެ ވަރަށް ސިމްޕަލް ނޫންހޭ. ތަސްދީގު ކުރަން ފެންނަންޏާ އޭގެ މާނައަކީ އިސްލާހާ މެދު ވެސް ފެންނަނީ ނޫންތޯ އޭ. ގާނޫނުއަސާސީގައި ސަރީހަ އިބާރާތުގައި އޮންނަ އެއްޗެއް ބަދަލެއް ނުކުރެވޭނެ. އާދައިގެ ކަމަކަށް ހަދައި ބަދަލު ކުރީމަ އެކަހަލަ ކަންކަން އާދަވެގެން ދާނެ." އަހުމަދު އަބްދުﷲ ވިދާޅުވި އެވެ.
"އެހެންވީމަ އެއީ ނުބައި ސުވާލެއް. ޣައިރު ދުސްތޫރީ ސުވާލެއް ކޮށްފައި އެ އޮތީ." އޭނާ ވިދާޅުވި އެވެ.
ރައްޔިތުންނަށް މުޅިން ސާފު ނުވާ ގޮތަށް ޣައިރު ދުސްތޫރީ ސުވާލެއް ކުރުމަކީ ހީލަތްތެރި އަމަލެއް ގޮތުގައި ބެލެވިދާނެ ކަމަށް އަހުމަދު އަބްދުﷲ ވިދާޅުވި އެވެ. ސަބަބަކީ ތަސްދީގު ކުރަންވީތޯ އެކަނި ސުވާލު ކުރުމުން ރައްޔިތުންނަށް ވާން އުޅޭ ގޮތް މުޅިން ސާފު ނުވުމުގެ ފުރުސަތު އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަހުމަދު އަބްދުﷲ ވިދާޅުވި ގޮތުގައި އެ ގަރާރުގައި އޮތް ސުވާލު ބަދަލު ކުރުމުގެ ފުރުސަތު އަދިވެސް ރައީސަށް އެބައޮތެވެ. ނޫން ނަމަ އެ މައްސަލަ ކޯޓަށް ވެސް ގެންދެވިދާނެ ކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ.