މެޓާނިޓީ ލީވްއަށް ފަހުގައި ދަރިންނަށް ދެ އަހަރު ވަންދެން ދުވާލަކު ދެ ފަހަރަށް ބައިގަޑިއިރުގެ ހުސް ވަގުތު މުވައްޒަފުންނަށް ލިބޭނެ ކަމަށް ވަނީ ބަޔާންކޮށްފައި.
ސަރުކާރު މުވައްޒަފުންގެ ދަރިންނަށް ދެ އަހަރު ވަންދެން, މުސާރައިން ނުކެނޑޭ ގޮތަށް ހުސް ވަގުތު ދޭންޖެހޭ މުއްދަތު އިތުރުކުރަން ވަޒީފާއާބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
މިހާރު ގާނޫނުގައި އޮންނަނީ، ސަރުކާރު މުވައްޒަފުންގެ ދަރިންނަށް އެއް އަހަރުން ވަންދެން ދުވާލަކު ދެ ފަހަރަށް ބައިގަޑިއިރުގެ ހުސް ވަގުތު ލިބޭނެ ކަމަށެވެ.
މަޑަވެލި ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝަމީޒު ހުށަހަޅުއްވި އިސްލާހުގައި، މެޓާނިޓީ ލީވްއަށް ފަހުގައި ދަރިންނަށް ދެ އަހަރު ވަންދެން ދުވާލަކު ދެ ފަހަރަށް ބައިގަޑިއިރުގެ ހުސް ވަގުތު މުވައްޒަފުންނަށް ލިބޭނެ ކަމަށް ވަނީ ބަޔާންކޮށްފަ އެވެ.
އެ ގޮތަށް ބަދަލުކުރަނީ، ކުއްޖާގެ ކަންކަން ކޮށްދިނުމަށް ދޭ ވަގުތުކޮޅެއް ކަމަށް ބިލުގައި ވަނީ ބަޔާންކޮށްފައިވެ އެވެ. އަދި މުވައްޒަފުންގެ މުސާރައިން ވެސް ނުކަނޑާނެ އެވެ.
އެ ބިލު ދިރާސާކުރި މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ތާއީދުކޮށްފައިވަނިކޮށް، ވޯޓަށް އެހުމުގެ ކުރިން އެމްޑީޕީގެ ފަރާތުން ވަނީ މުވައްޒަފުންނަށް ދޭ ހުސްވަގުތު ޖުމްލަ ދޮޅު ގަޑިއިރަށް އިތުރުކުރަން އިސްލާހެއް ހުށަހަޅައިފަ އެވެ. ނަމަވެސް، އެ އިސްލާހަށް ތާއީދު ނުލިބުމުން، ޝަމީޒު ހުށަހެޅުއްވި އިސްލާހުތައް މިއަދު ފާސްކޮށްފައިވަނީ 62 މެމްބަރުންގެ އިއްތިފާގުންނެވެ.
މި ގާނޫނަށް މިއަދު ފާސްކުރި އެހެން އިސްލާހުތަކުގެ ތެރޭގައި، ވަޒީފާއިން ވަކިކުރުމުގެ ކުރިން ދޭންޖެހޭ ނޯޓިސްގެ މުއްދަތަށް ވެސް ބަދަލެއް ގެނައުން ހިމެނެ އެވެ.
ގާނޫނުގައި މިހާރު އޮތީ، ވަޒީފާއިން ވަކިކުރުގެ ކުރިން ދެ ހަފުތާގެ ނޯޓިހެއް ދޭންޖެހެނީ ހަ މަހާއި އެއް އަހަރާ ދެމެދުގެ މުއްދަތަކަށް އުޅުނު މުވައްޒަފުންނަށް ކަމަށެވެ. ނަމަވެސް އެއް އަހަރުނުވާ ކޮންމެ މުވައްޒަފަކަށް ވެސް މަދުވެގެން ދެ ހަފުތާގެ ނޯޓިހެއް ދޭން ޖެހޭނެ ކަމަށް ބިލުގައިވެ އެވެ.