އީރާނުން އެމެރިކާ ސިފައިންގެ ބަޔަކު ރަހީނުކޮށްފި، އެމެރިކާއިން ދޮގުކުރޭ

އީރާނުގެ މި ވާހަކަތައް އެމެރިކާގެ އަސްކަރިއްޔާ އިން ވަނީ ވަގުތުން ދޮގުކޮށްފައެވެ.

އެމެރިކާ ސިފައިންގެ ތެރެއިން މަރުވި މީހުންގެ ސަންދޯށް އެ ގައުމަށް ގެންދިއުން -- އޭޕީ ފޮޓޯ

އިސްރާއިލާއި އެމެރިކާއިން އިސްވެ އީރާނަށް ހަމަލާދީ ފެށި ހަނގުރާމާގައި އެމެރިކާ ސިފައިންގެ ބަޔަކު އަތުލައިގެންފައިވާ ކަމަށް އީރާނުގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ވެރިޔާ އަލީ ލަރީޖާނީ ވިދާޅުވެއްޖެ އެވެ.

ލަރީޖާނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމެރިކާގެ ބައެއް ސިފައިން ހަނގުރާމައިގެ އަސީރުންގެ ގޮތުގައި ހައްޔަރުކޮށްފައިވާ ކަމުގެ ރިޕޯޓްތައް ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި އެމެރިކާ ސަރުކާރުން އެ ސިފައިންނަކީ ހަނގުރާމައިގައި މަރުވި ބައެއް ކަމަށް ބުނެ، ހަގީގަތް ފޮރުވަން އެ ގައުމުން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ. ނަމަވެސް އެމެރިކާ ސިފައިން އަތުލައިގަތީ ކިހިނެއް ކަމަށް ލަރީޖާނީ ވިދާޅެއް ނުވެ އެވެ. ނަމަވެސް އެމެރިކާ އެއްގަމު ސިފައިން އީރާންގައި ނޫޅޭތީ ބެލެވެނީ އެ މީހުންނަނީ ހަނގުރާމަ މަތިންދާ ބޯޓަކަށް ހަމަލާ ދިނުމުން ވެއްޓުމުން އޭގައި ތިބި މީހުންނެވެ. 

އީރާނުގެ މި ވާހަކަތައް އެމެރިކާގެ އަސްކަރިއްޔާ އިން ވަނީ ވަގުތުން ދޮގުކޮށްފައެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑް ގެ ތަރުޖަމާނު ކެޕްޓަން ޓިމް ހޯކިންސް ވިދާޅުވީ، މިއީ އީރާނުން ފަތުރަމުންދާ ދޮގު މައުލޫމާތެއް ކަމަށާއި، އެމެރިކާގެ އެއްވެސް ސިފައިންގެ މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.

މިދިޔަ ހަފްތާގައި ފެށުނު މި ހަނގުރާމައިގައި މިހާތަނަށް އެމެރިކާގެ 6 ސިފައިން މަރުވެފައިވާ ކަމަށް ޕެންޓަގަނުން ވަނީ ކަށަވަރުކޮށްދީފަ އެވެ. މި ހަ މީހުންވެސް މަރުވީ މާޗް އެއް ވަނަ ދުވަހު ކުވޭތުގެ ޕޯޓަކަށް އީރާނުން ދިން ޑްރޯން ހަމަލާއެއްގައެވެ.

އީރާނުގެ ތަސްނީމް ނިއުސް އެޖެންސީން ރިޕޯޓްކުރާ ގޮތުގައި، މި ހަނގުރާމައިގައި މިހާތަނަށް 1,332 މީހުން ވަނީ މަރުވެފައެވެ. މީގެ ތެރޭގައި އީރާނުގެ މީނާބް ސިޓީގެ ސްކޫލަކަށް ދިން ހަމަލާއެއްގައި މަރުވި 180 ކުޑަކުދިން ވެސް ހިމެނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.