ނޯވޭގެ ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މި ގޮވުމުގެ ސަބަބުން އެމްބަސީގެ ބައެއް ތަންތަނަށް ކުދިކުދި ގެއްލުންތައް ލިބިފައިވީ ނަމަވެސް، އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ.

ނޯވޭގެ ވެރިރަށް އޮސްލޯގައި ހުންނަ އެމެރިކާ އެމްބަސީ ކައިރީގައި މިއަދު ފަތިހުގެ ވަގުތެއްގައި ބާރުގަދަ އެއްޗެއް ގޮވައިފި އެވެ.
ނޯވޭގެ ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މި ގޮވުމުގެ ސަބަބުން އެމްބަސީގެ ބައެއް ތަންތަނަށް ކުދިކުދި ގެއްލުންތައް ލިބިފައިވީ ނަމަވެސް، އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ.
މި ހާދިސާ ހިނގާފައިވަނީ އޮސްލޯގެ ހުޅަނގު ސަރަހައްދުގައި ހުންނަ އެމްބަސީ ކޮމްޕައުންޑް ކައިރީގައި ރޭގަނޑު ގާތްގަނޑަކަށް 1:00 (ޖީއެމްޓީ އިން 00:00) ހާއިރު އެވެ.
އެ ސަރަހައްދުން ދަތުރުކުރި މީހުން ބުނި ގޮތުގައި، ގޮވުމުގެ ބާރުގަދަ އަޑާއެކު އެ ސަރަހައްދުން ބޯ ދުންތަކެއް އަރަމުންދިޔަ މަންޒަރު ފެނިފައިވެއެވެ.
ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި، މި ގޮވުން ގޮވާފައިވަނީ އެމްބަސީގެ ކޮންސިއުލާ ސެކްޝަނަށް ވަންނަ ދޮރުމަތީގައެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން މިހާރު ދަނީ ޚާއްސަ އޮޕަރޭޝަނެއް ހިންގަމުންނެވެ. އެގޮތުން ސްނީފާ ޑޯގްސް، ޑްރޯން އަދި ހެލިކޮޕްޓަރު ބޭނުންކޮށްގެން އެ ސަރަހައްދު ދަނީ ބަލައި ފާސްކުރަމުންނެވެ. އަދި މި ހަމަލާ ދިން ކަމަށް ޝައްކުކުރެވޭ ފަރާތްތައް ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. އެ ސަރަހައްދުން އިތުރު އެއްވެސް ގޮވާތަކެތި ފެނިފައިނުވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.