ޕީއެންސީން " ދަ ގްރޭޓާ އައްޑޫ" ގެ ނަމުގައި ބޭއްވި އިވެންޓުގައި ވާހަކަ ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ މިއީ އައްޑޫގައި އިންވެސްޓްކުރަން ލިބިގެންދާނެ ރަނުގެ ފުރުސަތެއް ކަމަށެވެ.

އަންނަ އަހަރުން ފެށިގެން އައްޑޫ ޓެކްސް ފްރީޒޯނެއްގެ ގޮތުގައި ބަދަލު ވެގެންދާތީ، އިންވެސްޓްކުރާ ފަރާތްތަކުން ތައްޔާރުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.
ސަރުކާރުން ވަނީ އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން 3 އަހަރު ދުވަހުގެ މުއްދަތައް އައްޑު އަތޮޅު ޓެކްސް ފްރީ ޒޯނަކަށް ހެދުމަށް ނިންމާފަ އެވެ.
ޕީއެންސީން " ދަ ގްރޭޓާ އައްޑޫ" ގެ ނަމުގައި ބޭއްވި އިވެންޓުގައި ވާހަކަ ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ މިއީ އައްޑޫގައި އިންވެސްޓްކުރަން ލިބިގެންދާނެ ރަނުގެ ފުރުސަތެއް ކަމަށެވެ.
"އައިޓި ދާއިރާއިން ކަމުގައިވިޔަސް، އެކިކަހަލަ އިޤްތިޞަދީ އެކި މަސައްކަތްތައްވިޔަސް، ސަރވިސް އިންޑަސްޓްރީގެ މަސައްކަތްތައްވިޔަސް، ކުދި އަދި މެދުފަންތީގެ ދާއިރާގައި އިންވެސްޓްކުރާ ފަރާތްތަކަށް ސަރުކާރުން ހުރިހާ ލުއިތަކެއް ދިނުމަށް، ބިމު ކުއްޔާއި ޓެކްސް، މިފަދަ ހުރިހާކަމަކުން 3 އަހަރު ދުވަހަށް ބްރޭކެއް ދިނުމުގެ ނިޒާމް،" ރައީސް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސް ވަނީ ކުދި ފަންތި އަދި މެދު ފަންތީގެ ވިޔަފާރިތައް އިތުރުކޮށް ކުރިއަރުވައި، ތަރައްގީކުރުމަށް މަގުފަހިކުރުމުގެ ގޮތުން، ރާއްޖޭގެ ކަނޑައެޅޭ ވަކި ސަރަހައްދުތަކެއް، ކަނޑައެޅޭ ވަކި މުއްދަތަކަށް، ގިނަ ލުއިތަކާއެކު ކުދި ފަންތި އަދި މެދު ފަންތީގެ އިންވެސްޓްމަންޓްތަކަށް ހުޅުވައިލަން ނިންމާފައިވާކަން ފާހަގަކުރައްވާފަ އެވެ. މިގޮތުން، ބިމު ކުއްޔާއި، އިންކަމް ޓެކްސް ފަދަ ސީދާ ވިޔަފާރިތަކުން ދައުލަތަށް ދައްކާ ކުއްޔާއި ޓެކްސް ނުދައްކާގޮތަށް ހަމަޖެއްސުމާއި، އެހެނިހެން އިންސެންޓިވްތައް ދިނުން ހިމެނެއެވެ. މިގޮތުން، އެންމެ ފުރަތަމަ ހުޅުވައިލާ ސަރަޙައްދެއްގެ ގޮތުގައި އައްޑޫ ސިޓީއާއި، އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫ ހިމެނޭހެން، އައްޑުއަތޮޅަކީ 1 ޖަނަވަރީ 2027ން ފެށިގެން ތިން އަހަރު ދުވަހަށް ކުދި ފަންތި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިންވެސްޓް ކުރުމަށް ގިނަ ލުއިތަކެއް ލިބިގެންދާނޭ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅަން ނިންމައިފައިވާކަން ރައީސް އިޢުލާންކުރައްވާފައިވެއެވެ.