އައްޑޫގެ ކަރަންޓު މައްސަލަ ދާއިމީކޮށް ހައްލުވާ ބޮޑު މަޝްރޫއު ދުބާއީ ކުންފުންޏަކަށް

ގާތްގަނޑަކަށް 31 މިލިއަން އެމެރިކާ ޑޮލަރުގެ މި މަޝްރޫއުގެ ދަށުން އިންޖީނުގޭގައި ބެހެއްޓުމަށް ހަމަޖެހިފައި ވަނީ ބެލްޖިއަމް ކުންފުންޏެއް ކަމަށްވާ އަންގްލޯ ބެލްޖިއަން ކޯޕަރޭޝަން (އޭބީސީ)ގެ އިންޖީނުތަކެއް

އައްޑޫ ސިޓީގެ އިންޖީނުގެ އަޅަން އެއްބަސްވުމުގައި ސޮއިކުރުން. --ފޮޓޯ: ފެނަކަ

އައްޑޫ ސިޓީއަށް ކުރިމަތިވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނުވާނެ، އިންޖީނުގޭގެ މަޝްރޫއު ފެނަކަ ކޯޕަރޭޝަނުން ދުބާއީގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

ފެނަކަ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ނަޖާހު އެވެ. އެ މަސައްކަތް ހަވާލުކުރި ދުބާއީގެ ޑެފިނިޓް ސޮލިއުޝަންސްގެ ފަރާތުން ސޮއިކުރެއްވީ ފައުންޑަރު އަދި ސީއީއޯ އަބްދުﷲ ސައީދެވެ.

ގާތްގަނޑަކަށް 31 މިލިއަން އެމެރިކާ ޑޮލަރުގެ މި މަޝްރޫއުގެ ދަށުން އިންޖީނުގޭގައި ބެހެއްޓުމަށް ހަމަޖެހިފައި ވަނީ ބެލްޖިއަމް ކުންފުންޏެއް ކަމަށްވާ އަންގްލޯ ބެލްޖިއަން ކޯޕަރޭޝަން (އޭބީސީ)ގެ އިންޖީނުތަކެއް ކަމަށް ފެނަކައިން ޕީއެސްއެމަށް މައުލޫމާތު ދީފައިވެ އެވެ.

ޔޫރަޕްގައި ބޭނުންކުރާ މި ބްރޭންޑްގެ އިންޖީނުތަކަކީ، މިހާރު އައްޑޫގައި ހުރި ހައި ސްޕީޑް އިންޖީނުތަކާ ހިލާފަށް ލޯ ސްޕީޑް ޒަމާނީ އިންޖީނުތަކެއް ކަމަށް ފެނަކައިން ބުނެފައިވެ އެވެ.

އައްޑޫގެ އާ އިންޖީނުގެ އެޅުމުގެ މަޝްރޫއު 2024 ވަނަ އަހަރު ޗައިނާގެ ޑޮންފަން ކުންފުންޏާ ހަވާލުކުރިޔަސް، އެ މަޝްރޫއު ކުރިއަށް ނުގެންދާތީ އެ އެއްބަސްވުން މިހާރު ބާތިލުކޮށްފައިވާ ކަމަށް ވެސް ފެނަކައިން ބުންޏެވެ.

ޕީއެންސީގެ "ދަ ގްރޭޓާ އައްޑޫ" ކެމްޕެއިން އިފްތިތާހުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު. --ފޮޓޯ: ޕީއެންސީ

އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް ޕީއެންސީގެ "ދަ ގްރޭޓާ އައްޑޫ" ކެމްޕެއިން އިފްތިތާހުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ފެނަކައިން ސޮއިކުރި އެއްބަސްވުމުގެ ސަބަބުން ކުރިއަށް އޮތް 20 އަހަރަށް އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުވާނެ ކަމަށެވެ.

މިގޮތުން، 26 މެގަވޮޓްގެ ކަރަންޓު ފޯރުކޮށްދޭނެ ނިޒާމު މި އެއްބަސްވުމުގެ ދަށުން ގާއިމްކުރެވިގެންދާނެކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"މި އަންނަ އަހަރުގެ ޖުލައި މަސް އަންނައިރުގައި، މުޅިން އެކުގައި މި މަޝްރޫއު ނިމި، ކުރިއަށް އޮތް 20 އަހަރު ދުވަހަށް އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުވާނެ،" ރައީސް ޔަގީންކަން ދެއްވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.