ހަނގުރާމަ އާ ހެދި މެދުއިރުމަތީގެ ފްލައިޓުތައް ކެންސަލްވުމާއި މީހުން އެ މަގުން ދަތުރު ނުކުރުމުގެ ސަބަބުން މިވަގުތަށް އެ 35 ޕަސެންޓުގެ މީހުން ރާއްޖެ ނައިސް ޓޫރިޒަމް ދަށް ވެދާނެ ކަމަށް ތޯރިގު ވިދާޅުވި އެވެ.

މެދުރުމަތީގެ ހަނގުރާމަ އާ ހެދި ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް 35 ޕަސެންޓުގެ ދަށްވުމެއް އަތުވެދާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރަހިމް ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ތޯރިގު ވިދާޅުވީ މިދިޔަ މަހު ރާއްޖެ އަށް ދުވާލަކު 8800 ފަތުރުވެރިން އައިސްފައިވާ ކަމަށާއި އޭގެ ތެރެއިން 30-35 ޕަސެންޓަކީ މެދުއިރުމަތީގެ ފްލައިޓުތަކުން އަންނަ އައި ފަތުރުވެރިން ކަމަށެވެ.
ހަނގުރާމަ އާ ހެދި މެދުއިރުމަތީގެ ފްލައިޓުތައް ކެންސަލްވުމާއި މީހުން އެ މަގުން ދަތުރު ނުކުރުމުގެ ސަބަބުން މިވަގުތަށް އެ 35 ޕަސެންޓުގެ މީހުން ރާއްޖެ ނައިސް ޓޫރިޒަމް ދަށް ވެދާނެ ކަމަށް ތޯރިގު ވިދާޅުވި އެވެ.
"މި ދެތިން ދުވަހު ވަރަށް ބޮޑަށް އިމްޕެކްޓް ކުރާނެ. އާމްދަނީ ދަށްވެގެން ދާނެ. ނަމަވެސް މި ބަލަނީ ކޮބާތޯ އިތުރު އޮޕްޝަންތަކަކީ، ރާއްޖެއަށް ފަތުރުވެރިން ގެނައުމުގެ މާކެޓްތަކަކީ އަދި އަންނަ ހީނަރުކަން މަދުކުރުމުގެ މަސައްކަތް މި ކުރަނީ." ތޯރިގު ވިދާޅުވި އެވެ.
ހަނގުރާމަ އާ ގުޅިގެން ދިމާވާނެ އެންމެ ބޮޑު މައްސަލައަކީ ކަނެކްޓިވިޓީ ފްލައިޓުތައް ހުއްޓުން ކަމަށް ތޯރިގު ވިދާޅުވި އެވެ.
ރަޝިއާ އަދި ޔޫރަޕުގެ މާކެޓުތަކުން ގިނަ ފަތުރުވެރިން ރާއްޖެ އަންނަނީ ދުބާއީ ފަދަ ގައުމެއްގައި ޓްރާންސިޓް ކުރުމަށް ފަހު އެވެ. ނަމަވެސް އެ އެއާޕޯޓާއި ވައިގެ ސަރަހައްދު ވަނީ ބަންދު ކޮށްފަ އެވެ.
ތޯރިގު ވިދާޅުވީ އެ ގެއްލުން ފޫ ބެއްދުމަށްޓަކައި ޔޫރަޕާއި ރަޝީއާ ސަރަހައްދުތަކުން ޑައިރެކްޓް ފްލައިޓުތައް ގިނަ ކުރެވޭނެ ގޮތްތައް ބަލަމުން އަންނަ ކަމަށެވެ. އަދި މިހާރު ހުރި ޗައިނާ/އިންޑިއާ ފަދަ މާކެޓުތަކުން ފަތުރުވެރިން އަންނަ މިންވަރު އިތުރު ކުރުމަށާއި އޭޝިއާގެ އެހެން މާކެޓްތަކަށް ވެސް ފުޅާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމެރިކާ އާއި އިޒްރޭލް ގުޅިގެން އިރާނަށް ހަމަލާ ދީފައި ވަނީ އިއްޔެގެ ވަގުތެގަ އެވެ. އެ ހަމަލާ އާ ގުޅިގެން ރާއްޖޭގައި ތިބި 4900 ފަތުރުވެރިންނަސް އަސަރު ކޮށްފައިވާ ކަމަށް ތޯރިގު ވިދާޅުވި އެވެ.
ސަރުކާރުން އެ މީހުންނަށް ބޭނުންވާ ކަންކަން ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ތޯރިގު ވިދާޅުވި އެވެ.