ހަނގުރާމަ އާ ގުޅިގެން ދިވެހި އުމްރާވެރިންގެ ހާލު ދަނީ ގާތުން ބަލަމުން: މިނިސްޓްރީ

ރާއްޖޭން އުމްރާއަށްދާ އަދި އުމްރާގެ އަޅުކަން އަދާކުރުމަށް މައްކާއަށް މިހާރު ގޮސްފައިވާ ދިވެހިން، ދަތުރުފަތުރުގެ އެންމެހާ ކަންކަމުގައި އިތުރަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ

މައްކާއަށް ގޮސްތިބި އުމްރާވެރިންތަކެއް -- ހައްޖު ކޯޕަރޭޝަން

މެދުއިރުމަތީގައި މިހާރު އޮތް ހަނގުރާމައިގެ ހާލަތާ ގުޅިގެން، ސައުދީ އަރަބިއްޔާގައި މި ވަގުތު ތިބި އުމްރާވެރިންގެ ހާލު ވަރަށް ގާތުން ބަލަމުންދާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އެމެރިކާ އާ ގުޅިގެން އިޒްރޭލުން ދަނީ އިއްޔެއިން ފެށިގެން އީރާނަށް ވަރުގަދަ ވައިގެ ހަމަލާތައް ދެމުންނެވެ. އޭގެ ރައްދުގައި، އީރާނުން ދަނީ އިޒްރޭލުގެ އިތުރުން މެދުއިރުމަތީގެ އެކި ގައުމުތަކުގައި އެމެރިކާ ސިފައިން ތިބި މަރުކަޒުތަކަށް އަމާޒުކޮށް ހަމަލާތައް ދެމުންނެވެ.

އޭގެތެރޭގައި، ސައުދީ، ގަތަރު، ޔޫއޭއީ، އޮމާން ފަދަ ގައުމުތައް ހިމެނެ އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، މެދުއިރުމަތީގައި ފަށާފައިވާ ހަނގުރާމައާ ގުޅިގެން ރާއްޖޭން އުމްރާއަށްދާ އަދި އުމްރާގެ އަޅުކަން އަދާކުރުމަށް މައްކާއަށް މިހާރު ގޮސްފައިވާ ދިވެހިން، ދަތުރުފަތުރުގެ އެންމެހާ ކަންކަމުގައި އިތުރަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ. 

އަދި ދިވެހި އުމްރާވެރިއަކަށް ހާއްސަކަމެއް މެދުވެރިވެއްޖެ ހާލަތެއްގައި، ރިޔާދުގައި ހުންނަ ދިވެހި އެމްބަސީގެ ހޮޓްލައިން ނަންބަރު 966506894477 + އާއި ޖިއްދާގައި ހުންނަ ދިވެހި ކޮންސިއުލޭޓުގެ ހޮޓްލައިން ނަންބަރު 966530838329 + އަށް ވީ އެންމެ އަވަހަކަށް އެންގުމަށް މިނިސްޓްރީން ވަނީ އެދިފަ އެވެ.

މިނިސްޓްރީން ބުނި ގޮތުގައި، އުމްރާވެރީންނަށް ހައްސަކޮށްގެން މައުލޫމާތު ފޯރުކޮށްދިނުމަށް ޓަކައި ހާއްސަ ހޮޓްލައިން ނަންބަރެއް ގާއިމުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. 

މީގެއިތުރުން، އުމްރާ ދަތުރުތަކުގެ އެންމެ ފަހުގެ މައުލޫމާތު ހޯދުމާއެކު ކަމާގުޅުންހުރި ރަސްމީ ފަރާތްތަކުންނާއި ސައުދީ ސަރުކާރުން އިރުޝާދުތަކާއި އެންގުންތަކަށް ސަމާލުކަން ދިނުމަށް ވަނީ އެދިފަ އެވެ.

"މައްކާގައި ތިބި އުމްރާވެރީންގެ ކަންކަން މި މިނިސްޓްރީގެ ފަރާތުން ވަރަށް ގާތުން ބަލަމުންދާކަން ވެސް މައުލޫމާތަށް ޓަކައި ދަންނަވަމެވެ،" އެ ބަޔާނުގައި ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.