އެ ޕާޓީން ބުނީ އެ މެންބަރުނަށް ދައުވާ ކުރަން ފޮނުވުމަކީ މާޗު 21 ގެ މުޒާހަރާގައި ބައިވެރިވާ މީހުން މަދު ކުރުމަށް ހިންގާ ބިރު ދެއްކުމުގެ އަމަލެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރާއި އިތުރު މެންބަރުންތަކަކަށް ދައުވާ ކުރުމަށް ޕީޖީ އަށް މައްސަލަ ފޮނުވީ އެމްޑީޕީން ބާއްވާ ބޮޑު އެއްވުމަށް ހުރަސް އެޅުމަށް ކަމަށް އެ ޕާޓީން ބުނެފި އެވެ.
އޮކްޓޯބަރު 3.، 2025 ގައި އެމްޑީޕީން ބޭއްވި އެއްވުމާ ގުޅިގެން ފުލުހުން ދައުވާ ކުރަން ފޮނުވާފައި ވަނީ މައުރޫފް އާއި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރެއް ކަމަށްވާ ފާތިމަތު ޒަހިއްޔާ އަދި ނ. ހޮޅުދޫ މާފޮޅޭވިލާ، އަބްދުއްސަލާމްގެ މައްޗަށެވެ.
އެ މައްސަލާގައި އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ މެންބަރުނަށް ދައުވާ ކުރަން ފޮނުވުމަކީ ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭ ގޮތުން ނަގާ ރިފަރަންޑަމް އާ ދެކޮޅަށް އެ ޕާޓީން ބާއްވާ މުޒާހަރާގައި ބައިވެރިވާ މީހުން މަދު ކުރުމަށް ހިންގާ ބިރު ދެއްކުމުގެ އަމަލެއް ކަމަށެވެ.
އެމްޑީޕީން ބޮޑު މުޒާހަރާއެއް ބާއްވަން ނިންމާފައި ވަނީ މި މަހު 21 ގަ އެވެ.
އެ ޕާޓީން ބުނި ގޮތުގައި ދައުލަތުގެ ހުއްދައެއް ކުރީން ހޯދުމަކާނުލައި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާކަން ކަށަވަރުކޮށްދެ އެވެ. އެގޮތުން މިދިޔަ އަހަރު ބޭއްވި އެ އެއްވުމަކީ ވެސް އެފަދ ސުލްހަވެރި ސިޔާސީ އެއްވުމެއް ކަމަށް އެމްޑީޕީން ބުންޏެވެ.
އެ ތިން މެންބަރުންނަށް ފުލުހުން ދައުވާ ކުރަން ފޮނުވާފައި ވަނީ އެއްވެ އުޅުމުގެ ގާނޫނާ ހިލާފަށް މިދިޔަ އަހަރުގެ އޮކްޓޯބަރު ތިން ވަނަ ދުވަހުގެ ރޭ މާލޭގެ އެކި ސަރަހައްދުގެ މަގުތަކަށް އެއްވެ މުޒާހަރާކޮށް އަދި އާންމު ދަތުރުފަތުރަށާއި އާންމު ވިޔަފާރިތަކަށް ދަތިވާނެހެން ހަރަކާތްތެރިވެ ފުލުހުންގެ ދައުރު އަދާ ކުރަން ހުރަސް އަޅައި ފުލުހުން އަމުރަށް ނުކިޔަމަންތެރިވެ ފުލުހުންގެ ވާޖިބަށް ހުރަސް އެޅި ކަމަށް ބުނާ މައްސަލައިގަ އެވެ.