ބައްސާމް ވިދާޅުވި ގޮތުގައި ކުރިންވެސް ކުރިމަތިވި މިފަދަ ކްރައިސިސްގެ ވަގުތުތަކުގައި މުޅި އިންޑަސްޓްރީ ގުޅިގެން ވަނީ މަސައްކަތްކޮށްފަ އެވެ.

ޓޫރިޒަމަށް ކުރިމަގުގައި ކުރިމަތިވާނެ ދަތިތަކުން އަރައިގަންނަން މުޅި ޓޫރިޒަމް ސިނާއަތް ގުޅިގެން މަސައްކަތް ފަށަން، ޓްރެވަލް އެޖެންޓުންގެ ޖަމިއްޔާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް (މަޓާޓޯ) އިން އެދިއްޖެ އެވެ.
މަޓާޓޯގެ ސީއީއޯ މުހައްމަދު ބައްސާމް އާދަމް "ދަ މިރާ" އަށް މިއަދު ވިދާޅުވި ގޮތުގައި މެދުއިރުމަތީގައި މިހާރު ފެށިފައިވާ ހަމަނުޖެހުންތަކުގެ އަސަރު އެންމެ ބޮޑަށް ކުރާނެ އެއް ގައުމަކީ ރާއްޖެ ކަމަށާ މީގެ އެންމެ ބޮޑު ސަބަބަކީ ރާއްޖޭގެ ޓޫރިޒަަމް ޔޫރަޕު މާކެޓަށް ބަރޯސާވެފައި އޮތުމެވެ. މީގެ ސަބަބުން މެދުއިރުމަތީގައި ކަނެކްޝަންތައް ގެއްލުމާއެކު ގެއްލުން އަންދާޒާ ކުރަން ނޭނގޭހާ ބޮޑުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންވެ މިއީ މުޅި ޓޫރިޒަމް ސިނާއަތް ގުޅިގެން މަސައްކަތް ފަށަންވީ ވަގުތު، މީގެ ކުރިންވެސް މިފަދަ ކްރައިސިސްތައް އައިސްފި އެވަގުތުތަކުގައިވެސް މުޅި އިންޑަސްޓްރީ ގުޅިގެން މަސައްކަތް ކޮށްގެން އަަރައިގަތީ،" ބައްސާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިވަގުތަކީ މެދުއިރުމަތި ނޫން އެހެން ދިމަދިމާލުން ޓޫރިސްޓުން އިތުރު ކުރަން މަސައްކަތް ކުރަން ޖެހޭ ވަގުތެވެ. މިގޮތުން ޗައިނާ އާއި ރަޝިއާ އަދި އޭޝިއާގެ ގައުމުތައް އޭނާ ފާހަގަ ކުރެއްވި އެވެ.
މިހާލަތާ ގުޅިގެން މަޓާޓޯއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ މި ނުތަނަވަސްކަމުގެ ސަބަބުން ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރަށް ބުރޫއަރަމުންދާތީ، އެކަމުގެ ނުރައްކާ ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް ކުރަމުންދާ ކަމަށް ބުނެފައިވެ އެވެ.
އިގްތިސާދީ ނުރައްކާ - ރާއްޖެއަކީ ފަތުރުވެރިކަމަށާއި ވައިގެ ދަތުރުފަތުރަށް ބަރޯސާވާ ގައުމަކަށްވުމުން، މި ހާލަތުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ބޮޑު އަސަރެއް ކޮށްފާނެ ކަމުގެ އިންޒާރު މަޓާޓޯއިން ދެއެވެ.
ގުޅިގެން މަސައްކަތްކުރުން - މި ދަނޑިވަޅުގައި ސަރުކާރާއި، ފަތުރުވެރިކަމުގެ ސިނާއަތުގެ ހިއްސާދާރުން އަދި ކަމާބެހޭ ފަރާތްތައް ގުޅިގެން، އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ވަނީ ގޮވާލާފައެވެ.
އިތުބާރު ދެމެހެއްޓުން - ދުނިޔޭގެ ފަތުރުވެރިންގެ މެދުގައި ރާއްޖެއަކީ އިތުބާރު ހުރި މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި، ހުރިހާ ފަރާތްތަކުން އިސްނަގައިގެން މަސައްކަތް ކުރުން މުހިންމު ކަމަށް ބަޔާނުގައިވެ އެވެ.
މަޓާޓޯ އިން އިތުރަށް ބުނެފައިވަނީ، މީގެ ކުރިން ވެސް ދުނިޔެއަށް ކުރިމަތިވި ބޮޑެތި ގޮންޖެހުންތަކުން ރާއްޖޭގެ ފަތުރުވެރިކަން އަރައިގަނެފައިވާ ކަމަށެވެ. އެހެންކަމުން، މިފަހަރު ވެސް އެންމެން ގުޅިގެން މަސައްކަތް ކޮށްފިނަމަ މި ދަތިތަކުން އަރައިގަނެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެ ޖަމިއްޔާއިން ވަނީ ދީފަ އެވެ.