އީރާނުގެ ދައުލަތުގެ މީޑިއާއިން ދާދި ދެންމެއަކު ބުނީ، އިޒްރޭލާއި އެމެރިކާ ގުޅިގެން ދިން ހަމަލާތަކުގައި ޚާމަނާއީ އަވަހާރަވެފައިވާ ކަމަށެވެ.

އެމެރިކާއާ ގުޅިގެން އިޒްރޭލުން އިއްޔެ އީރާނަށް ދޭން ފެށި ހަމަލާތަކުގައި، އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލް ޚާމަނާއީ އަވަހާރަވެފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ޔަގީންކޮށްދީފި އެވެ.
އީރާނުގެ ދައުލަތުގެ މީޑިއާއިން ބުނި ގޮތުގައި، އެ ހަމަލާތަކުގައި، ޚާމަނާއީގެ އަންހެން ދަރިފުޅާއި، ދަނބިދަރިފުޅު އަދި ކާފަދަރިފުޅު ވެސް ވަނީ ޝަހީދުވެފަ އެވެ.
އީރާނުގެ ވެރިރަށް ތެހެރާންގެ އިތުރުން މައި ސިޓީތަކަށް އަމާޒުކޮށް އިއްޔެ ދޭން ފެށި ހަމަލާތަކުގައި ޚާމަނާއީ އަވަހާރަކޮށްލެވިފައިވާކަމަށް އިޒްރޭލުގެ އިތުރުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ރޭ ވަނީ އިއުލާނުކުރައްވައިފަ އެވެ.
ނަމަވެސް، އެ ވާހަކަތައް އީރާނުގެ ސަރުކާރުން ދޮގުކުރި އެވެ.
އީރާނުގެ ދައުލަތުގެ މީޑިއާއިން ދާދި ދެންމެއަކު ބުނީ، އިޒްރޭލާއި އެމެރިކާ ގުޅިގެން ދިން ހަމަލާތަކުގައި ޚާމަނާއީ އަވަހާރަވެފައިވާ ކަމަށެވެ.
ޚާމަނާއީ އަވަހާރަވުމާއެކު، ދައުލަތް ހިންގުމާ އީރާނުގެ ރައީސް، ޖުޑީޝަރީގެ އެންމެ މަތީ ވެރިޔާ އަދި ގާޑިއަން ކައުންސިލްގެ މެމްބަރެއްގެ މައްޗަށް އެކުލެވޭ ކޮމިޓީއަކުން ވަނީ ހަވާލުވެފަ އެވެ.
ޚާމަނާއީ އަވަހަރާވި ހަބަރާއެކު، އީރާނުގައި ގިނަ ބަޔަކު ހިތާމަފާޅުކުރަމުންދާއިރު، ބައެއް ހިސާބުތަކުގައި އުފާފާޅުކުރަމުންދާ ކަމަށް ބައެއް މީޑިއާ ރިޕޯޓުތައް ބުންނެވެ.
އިޒްރޭލުން މިއަދު ވަނީ އީރާނަށް ދެމުންދާ ހަމަލާތައް އިތުރަށް ވަރުގަދަކޮށްފަ އެވެ. މިގޮތުން، އީރާނުގެ 30 ތަނަކަށް ހަމަލާ އަމާޒުކޮށްފައިވާ ކަމަށް އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ ބުނެފަ އެވެ.
އެ ހަމަލާތަކުގައި މިހާތަނަށް 200 އަށް ވުރެ ގިނަ މީހުން މަރުވެ، 700 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާކަމަށް އީރާނުގެ ރެޑް ކްރެސެންޓުން ވަނީ ބުނެފަ އެވެ.
އެ ހަމަލާތަކުގައި ރައްދުގައި އީރާނުން ވެސް ދަނީ އިޒްރޭލުގެ އިތުރުން މެދުއިރުމަތީގެ އެކި ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާ ދެމުންނެވެ.
މިގޮތުން، މިއަދު ވެސް ޔޫއޭއީ އަދި ބަޙްރެއިނަށް އީރާނުގެ މިސައިލްތައް އަމާޒުވެފައިވާ ކަމަށް ރިޕޯޓުކޮށްފައިވެ އެވެ.