މިނިސްޓްރީން ބުނީ އަސާސީ ބާވަތްތައް ހުސްނުވެ ލިބުމާއި އިމްޕޯޓް ކުރުމުގައި ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ސަރުކާރުގެ މުވައްސަސާތަކާއި އަމިއްލަ ވިޔަފާރިތަކާ ގުޅިގެން އަޅަން ޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

މެދުއިރުމަތީގައި މިހާރު އުފެދިފައިވާ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖެއަށް ބޭނުންވާ އަސާސީ ކާބޯތަކެތީ މެދުކެނޑުމެއް ނެތި ލިބޭނެކަން ކަށަވަރު ކުރާނެ ކަމަށާ އެކަމަށްޓަކައި ފިޔަވަޅު ތަކެއް އެޅުމުގެ މަސައްކަތް ސަރުކާރުން ފަށައިފި އެވެ.
އެމެރިކާ އާއި އިސްރާއިލުން މިއަދު އީރާނަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގައި ވަނީ ބޮޑު ނުތަނަަސްކަމެއް އުފެދިފަ އެވެ. އަދި މިކަމުގެ ސަބަބުން ދުނިޔޭގެ ސަޕްލައިޗެއިންއަށް ބުރޫ އެރުމުގެ ފުރުސަތު އޮތް ކަަމަށް ތަޖުރިބާކާރުން ވަނީ ބުނެފަ އެވެ.
މި ހަމަލާތަކާ ބެހޭ ގޮތުން އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ އަދި ހަލުވިކަމާއެކު ބަދަލުވަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން މިކަމުގެ ސަބަބުން ރާއްޖެއަށް ކޮންފާނެ އަސަރުތަކާ ބެހޭ ގޮތުން ކަމާބެހޭ ފަރާތްތަކާއެކު ވަރަށް ގާތުން މޮނީޓާކޮށް ބަލަމުން ގެންދާ ކަމަށެވެ.
"މިގޮތުން ދުނިޔޭގެ މުދާ އުފުލާ ނިޒާމަށް އަތުވެދާނެ ލޮޅުންތަކާމެދު މިނިސްޓްރީން ދަނީ ދައުލަތުގެ ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން މިދަނީ ގާތުން ދިރާސާ ކުރަމުންނެވެ. އަދި ރާއްޖެއަށް އާއްމުކޮށް މުދާ އެތެރެކުރާ ރޫޓްތަކަށް ދިމާވެދާނެ ދަތިތައް ދެނެގަނެ، އެކަމުން އަރައިގަނެވޭނެ އެހެނިހެން އަލްޓަނޭޓިވް މާކެޓުތައް ހޯދުމުގެ މަސައްކަތް ވެސް މިދަނީ ކުރަމުންނެވެ،" އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެ އެވެ.
އެ މިނިސްޓްރީން ބުނީ މި ދަނޑިވަޅުގައި ސަރުކާރުގެ އެންމެ އިސް އަމާޒަކީ ދިވެހި އެންމެހައި ރައްޔިތުންނަށް ބޭނުންވާ އަސާސީ މުދަލުގެ ރައްކާތެރިކަން ކަށަވަރުކޮށް ދިނުމެވެ. އަދި އެކަން ކަށަވަރު ކުރާނެ ކަމަށް އެ މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
"މިގޮތުން ރާއްޖެ އަށް ބޭނުންވާ އަސާސީ ބާވަތްތައް ހުސްނުވެ ލިބުމާއި އިމްޕޯޓް ކުރުމުގައި ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ސަރުކާރުގެ މުވައްސަސާތަކާއި އަމިއްލަ ވިޔަފާރިތަކާ ގުޅިގެން އަޅަން ޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވަމެވެ،" އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެ އެވެ.