އެ ކުންފުނީގެ އާމްދަނީ ވަނީ 2024 ވަނަ އަހަރާ އަޅާކިޔާނަމަ 26 ޕަސެންޓް ވަނީ އިތުރުވެފަ އެވެ. އަދި މާކެޓް ޝެއާގެ 43 ޕަސެންޓް ހިއްސާ ކުރަނީ އެ ކުންފުނިންނެވެ.

ރާއްޖޭގެ އިންޝުއަރެންސް ސެކްޓާގައި އެލައިޑްއަކީ އެންމެ ފުންނާބުއުސް އެއް ކުންފުންޏެވެ. އަދި އިންޝުއަރެންސް ހިދުމަތުގައި ގިނަ ބަޔަކު އެންމެ އިތުބާރުކުރާ އެއް ކުންފުންޏެވެ. މީގެ ހެއްކަކީ 1985 ވަނަ އަހަރު އުފެދުނު އެލައިޑަށް ވިޔަފާރީގެ ރޮނގުން ލިބެމުންދާ ކުރިއެރުން ތަކެވެ. އެލައިޑް އިންޝުއަރެންސަށް މިދިޔަ އަހަރަކީ ކާމިޔާބު އަހަރެކެވެ. ހާއްސަކޮށް އިންޝުއަރެންސް ވިޔަފާރީގައި އެ ކުންފުނިން މިދިޔަ އަހަރު ވަނީ ގިނަ ކާމިޔާބީތަކެއް ހޯދާފަ އެވެ.
މިދިޔަ އަހަރުގެ ކާމިޔާބީތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އެލައިޑް އިންޝުއަރެންސްގެ ޗީފް އެންޑަރައިޓިން އޮފިސަރު (ސީޔޫއޯ) އިލިއާނާ ރޫސޭ ވިދާޅުވި ގޮތުގައި މިދިޔަ އަހަރު އެ ކުންފުނީގެ އާމްދަނީ 2024 ވަނަ އަހަރާ އަޅާކިޔާނަމަ 26 ޕަސެންޓް ވަނީ އިތުރުވެފަ އެވެ. އަދި މި އަހަރުވެސް އާމްދަނީގެ ކުރިއެރުން ލިބޭނެކަން އޭނާ ފާހަގަ ކުރެއްވި އެވެ.
"މިއީ ކަސްޓަމަރުންގެ އިތުބާރު އެކަމަށްޓަކައި ހުރިހާ ކަސްޓަމަރުންނަށް ޝުކުރު އަދާކުރަން،" ރޫސޭ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި އާމްދަނީގެ ގޮތުން ލިބުނު ކުރިއެރުމުގެ އިތުރުން އިންޝުއަރެންސް މާކެޓުގެ 43 ޕަސެންޓް ހިއްސާއެއް ކުރަނީ އެ ކުންފުނިންނެވެ.
"އަހަރުން އަހަރަށް ދަނީ އާ ކްލައިންޓުން ލިބެމުން، މިއީ ބޮޑު ކުރިއެރުމެއް،" ރޫސޭ ވިދާޅުވި އެވެ.
އެލައިޑުން ވަނީ 41 ވަނަ އަހަރީ ދުވަސް ފާހަގަ ކުރަން މި އަހަރު ގިނަ ހަރަކާތްތަކެއް ހިންގަން ނިންމާފަ އެވެ.
އަހަރު ކުންފުނީގެ ޙިދުމަތްތައް ތަރައްގީކުރުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރިއަށްގެންދެވޭނެއެވެ. އަދި ހަމަމިއާއެކު، އެލައިޑުން މަސައްކަތް ކުރަމުންދާނީ މާލީގޮތުން ފުއްދުންތެރިކަން ލިބިފައިވާ 'އޭ-ރޭޓެޑް' ރީ-އިންޝުއަރަރަންސް ކުންފުނިތަކާއިއެކުގަ އެވެ.
އެލައިޑުން ވަނީ ކަސްޓަމަރުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި ރާއްޖޭގެ އެންމެ އިތުބާރުހުރި އިންޝުއަރަންސް އަދި ތަކާފުލް ޚިދުމަތްދޭ ކުންފުނީގެ ގޮތުގައި އެލައިޑުން އަދާކުރާ ދައުރު މި އަހަރުވެސް އިތުރަށް ވަރުގަދަ ކުރާނެ ކަމަށް ބުނެފަ އެވެ. އެގޮތުން އަމިއްލަ ފަރުދުންނާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށްވެސް ޚާއްޞަކޮށްގެން ފަރުމާކުރެވޭ އިންޝުއަރަންސް އަދި ތަކާފުލް ޕްލޭންތަކަށް ހާއްސަ އިސްކަމެއް ދޭން ނިންމާފަ އެވެ. މީގެ އިތުރުން، ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، މަސައްކަތްތައް ހަލުވިކޮށް، ކަސްޓަމަރުންނަށް ފަހި ތަޖުރިބާއެއް ފޯރުކޮށްދިނުމަށް ވެސް މަސައްކަތް ކުރެވޭނެއެވެ.
އެލައިޑުން ބުނީ ހަމައެއާއެކު، މި އަހަރު ވެސް މުހިންމު ކޯޕަރޭޓް ޕާޓްނާޝިޕްތަކާއި ކޯޕަރޭޓް ޕްލެޓްފޯމް ތަކުގައި ކުންފުނީގެ ބައިވެރިވުން އިތުރުކުރުމަށް އެލައިޑުން އިސްކަންދޭނެ ކަމަށެެވެ. އަދި 2026 ވަނަ އަހަރު މުޖުތަމައަށް އަމާޒުކޮށްގެން ހިންގާ ހަރަކާތްތަކުގައި ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދޭނީ ދުޅަހެޔޮކަމާއި ސިއްހަތާ ގުޅުންހުރި ކަންކަމަށެވެ.