ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ވަނީ، ދެ ފަރާތުން ވެސް ދެމުންދާ ހަމަލާތައް ކުށްވެރިކޮށް، މަސްރަހު ފިނިކުރަން ހުރިހާ ފަރާތްތަކަށް ވެސް ގޮވާލައިފަ އެވެ.

މެދުއިރުމަތީގައި މިހާރު އޮތް ހަނގުރާމައިގެ ހާލަތާ މެދު ދިވެހި ސަރުކާރުން ކަންބޮޑުވުންފާޅުކޮށް، މަސްރަހު އިތުރަށް ގޯސްވިޔަނުދީ، ހަމަޖެހުން ގާއިމުކުރުމަށް ގޮވާލައިފި އެވެ.
އިޒްރޭލާއި އެމެރިކާ ގުޅިގެން އީރާނަށް މިއަދު ދޭން ފެށި ހަމަލާތަކާ ގުޅިގެން، މެދުއިރުމަތީގެ އެކި ގައުމުތަކުގައި އެމެރިކާއިން ގާއިމުކޮށްފައިހުރި އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް، އީރާނުން ވެސް ދަނީ ރައްދު ހަމަލާތައް ދެމުންނެވެ.
އޭގެތެރޭގައި، ސައުދީ އާއި ގަތަރު، އުރުދުން، ޔޫއޭއީ ފަދަ ގައުމުތައް ވެސް ހިމެނެ އެވެ.
އެކަމާ ގުޅިގެން، މުޅި މެދުއިރުމަތި ހަނގުރާމައިގެ ހާލަތުގައި އޮތް އިރު، ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ވަނީ، ދެ ފަރާތުން ވެސް ދެމުންދާ ހަމަލާތައް ކުށްވެރިކޮށް، މަސްރަހު ފިނިކުރަން ހުރިހާ ފަރާތްތަކަށް ވެސް ގޮވާލައިފަ އެވެ.
އަދި މެދުއިރުމަތީގައި ހަމަޖެހުމާއި ސުލްހަ އަލުން ގާއިމުކޮށް، ބައިނަލްއަގުވާމީ ގާނޫނުތަކާއި އދ.ގެ ޗާޓަރަށް އިހްތިރާމް ކުރުމަށް އެ ބަޔާނުގައި ވަނީ ގޮވާލައިފަ އެވެ.
އެ ބަޔާނުގައި ވަނީ، ދުނިޔޭގައި ހިނގާ މިފަދަ ދެބަސްވުންތައް ސުލްހަވެރިކަމާއެކު ހައްލުކުރުމަށް ރާއްޖޭން އަބަދުވެސް ބާރުއަޅާކަމަށް ވެސް ބުނެފައިވެ އެވެ.
މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ކުރިމަތިލުންތަކާ ގުޅިގެން، ދުނިޔޭގެ ބޮޑެތި އެއާލައިންތަކުން ދަނީ އެ ސަރަހައްދުން ދަތުރުކުރާ ފްލައިޓުތައް ކެންސަލްކުރަން ފަށައިފަ އެވެ.
އެއާ އެކު، މި ސަރަހައްދުގެ ވައިގެ ދަތުރުފަތުރަށް ބުރޫއަރައި، އެކަމުގެ އަސަރު ރާއްޖޭގައި ތިބި އަދި އަންނަން ތިބި ޓޫރިސްޓުންނަށް ވެސް ވަނީ އަސަރުކޮށްފަ އެވެ.
މިގޮތުން، މިހާރު ވެސް 2،000 އެއްހާ ޓޫރިސްޓުން ވެލާނާ އެއާޕޯޓުގައި ނުފުރި ތާށިވެފައިތިބި ކަމަށް އެމްއޭސީލްއިން ވަނީ ބުނެފަ އެވެ.