މޮރިޝަސް - ރާއްޖެ | އިގްތިސޯދީ ގޮތުން އޮތީ ކޮން ގުޅުމެއް ؟

މޮރިޝަސް އިން ރާއްޖެއާ ދެމެދު އޮތް ސިޔާސީ ގުޅުން 45 އަހަރުފަހުން ނިމުނަކަށް ގެނެސްފައި މިވަނީ ފޯވަހީގެ މިލްކުވެރިންކަން ހޯދަން ދިވެހިން އުޅޭތީ އެވެ. މިދެ ގައުމަކީ އިގްތިސޯދީ ގޮތުން މާކަބޮޑު ގުޅުމެއް އޮތް ދެ ގައުމެއް ނޫނެވެ.

މޮރިޝަސްގެ ބޮޑުވަޒީރަކީ ޑރ. ނަވީން ރާމްގޫލަމް އަދި ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒު

ގިނަ ދިވެހިންނަށް "މޮރިޝަސް" އެނގެނީ ރާއްޖޭގައި ހުންނަ މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ) އެވެ. މި ބޭންކުގެ ހިދުމަތް ރާއްޖޭގައި ފެށީ މެއި 4، 2008 ގަ އެވެ. އެމްސީބީ މޯލްޑިވްސްއަކީ ރާއްޖޭގެ ރިސޯޓްތަކާއި ޓޫރިޒަމް ދާއިރާގެ ބޮޑެތި މަޝްރޫއުތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދޭ ބޭންކް އެވެ. ރާއްޖެއަކީ މޮރިޝަސް އަށް ތެލުގެ ބައެއް ބާވަތްތައް ރީއެސްޕޯޓް ކުރާ ގައުމެކެވެ. ރާއްޖެއަކީ ތެޔޮ ނަގާ ގައުމަކަށް ނުވިނަމަވެސް ރާއްޖެއަކީ މޮރިޝަސް އަށް ތެލުގެ ބާވަތްތައް ރީ-އެކްސްޕޯޓް ކުރާ އެއް ގައުމެކެވެ. އެގޮތުން 2024 ވަނަ އަހަރު ރާއްޖެ އިން މޮރިޝަސް އަށް 15 މިލިއަން ޑޮލަރުގެ ތެޔޮ އެކްސްޕޯޓް ކުރި ކަމަށް ހިސާބުތަކުން ދައްކަ އެވެ. މީގެ ތެރެއިން 14.8 މިލިއަން ޑޮލަރަކީ ޕެޓްރޯލިއަމް ގޭހެވެ.

ނަމަވެސް މޮރިޝަސްއަކީ ރާއްޖެއަށް މާގިނަ އެއްޗިހި ތަކެއް އެތެރެކުރާ ގައުމެއް ނޫނެވެ. މިދިޔަ ފަސް އަހަރު ދުވަހަށް ބަލާއިރު ރާއްޖެއަށް އެތެރެކޮށްފައިވަނީ ދެ މިލިއަން ޑޮލަރުގެ މުދަލެވެ. މީގެ އިތުރުން ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ މާކަބޮޑު ގުޅުމެއް ނޯވެ އެވެ. މޮރިޝަސް އިން ރާއްޖެއާ ޓޫރިޒަމްގައި ވާދަކުރި ނަމަވެސް ދެ ގައުމުގެ މެދުގައި މި ގޮތުން މާކަބޮޑު ގުޅުމެއް ނެތެވެ. ވައިގެ ދަތުރުފަތުރުގައިވެސް އޮތް ގުޅުން ކުޑަ އެވެ. 

ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގެ އިސް ފަރާތެއް ކަމަށްވާ އިނަ މޯލްޑިވްސް މުހައްމަދު ފިރާގު ވިދާޅުވި ގޮތުގައި މިހާރު އުފެދިފައިވާ މައްސަލަތަކުގައި ރާއްޖޭން ފިޔަވަޅެއް އެޅިނަމަވެސް އަޅާ ފިޔަވަޅަކުން ގެއްލުން ބޮޑުވާނީ މޮރިޝަސް އަށެވެ. މީގެ މައިގަނޑު ސަބަބެއްގެ ގޮތުގައި އޭނާ ގަބޫލު ކުރައްވަނީ ވައިގެ ދަތުރުފަތުރުގައި މާކަބޮޑު ގުޅުމެއް ދެ ގައުމުގެ ދެމެދުގައި ނެތުމެވެ. 

"މީގަ ގެއްލުން ބޮޑުވާނީ މޮރިޝަސްއަށް. ވައިގެ ދަތުރުފަތުރުގެ ދާއިރާ އިން ރާއްޖޭން ފިޔަވަޅެއް އަޅައިފިނަމަ މޮރިޝަސް އަށް ކުރަން ޖެހޭ ދަތުރު ދެ ގަޑިއިރުވަރު ދިގު ވެގެންދާނެ،" ފިރާގު ވިދާޅުވި އެވެ. 

ޓޫރިޒަމްގައި ގެ ގައުމުގެ ގުޅުމަށް ބަލާނަމަ ދެ ގައުމުގެ ދެމެދުގައި އޮތް އެންމެ ބޮޑު އެއްބާރުލުމަކީ ބައިނަލްއަގުވާމީ ޓުއާ އޮޕަރޭޓަރުން މެދުވެރިކޮށް ހިންގާ "ޓްވިން-ސެންޓާ" ނުވަތަ "މަލްޓި-ސެންޓާ" ހޮލިޑޭ ޕެކޭޖު ވިއްކުމެވެ. މީގެ މާނައަކީ އެއް ދަތުރެއްގައި ރާއްޖެއާއި މޮރިޝަސް ނުވަތަ އެހެން ގައުމެއް ހިމަނައިގެން ދަތުރު ކުރުމެވެ. ނަމަވެސް މިއީ މާބޮޑަށް ރަސްމީކޮށް ކުރިއަށްދާ ކަމެއް ނޫނެވެ. މި ގުޅުން ރާއްޖެ އާއި އެހެން ގައުމުތަކާ ދެމެދު މޮރިޝަސްއަށްވުރެ ބޮޑެވެ. ރާއްޖޭގެ ޓޫރިޒަމްގައި މޮރިޝަސްގެ ހިއްސާ އޮންނަ ބައެއް އަމިއްލަ ކުންފުނިތަކުން ވިޔަފާރި ކުރެ އެވެ. އެގޮތުން ކޮންސްޓަންސް ހޮޓެލްސް އެންޑް ރިސޯޓްސް ކުންފުނިން ހިންގާ ދެ ރިސޯޓް ކަމަށްވާ ހަލަވެލި ރިސޯޓާއި މޫފުށި ރިސޯޓަކީ ހަމައެކަނި މި ގައުމުގެ ކުންފުނިތަކުން ހިންގާ ރިސޯޓްތަކެވެ. ނަމަވެސް ކުރިން "ސަން ލައިފް" ކިޔާ ކުންފުންޏަކުން ރާއްޖޭގައި ރިސޯޓް ހިންގި އެވެ. ނަމަވެސް މިހާރު އެމިހުން ރާއްޖޭގައި ހަރަކާތްތެރިނުވެ އެވެ. 

އިގްތިސޯދީ އެހެން ދާއިރާއަކަށް ބަލާނަމަ ދެ ގައުމުގެ ދެމެދުގައި ކިރިޔާސްވެސް ކައިރިން މަސައްކަތް ކުރަނީ އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ) ގަ އެވެ. މިކަން އެހެންވުމުގެ މައިގަނޑު ސަބަބަކީ އައިއޯޓީސީގެ މައި މަރުކަޒު އެ ގައުމުގައި ހުރުމެވެ. ނަމަވެސް މަސްވެރިކަމުގެ ދާއިރާގައިވެސް ޗާގޯސްގެ ކަނޑު ބެހުމުގެ މައްސަލަ ކުރިން ދިޔަ ގޮތުން ރާއްޖެއަށް ވަނީ ބޮޑު ގެއްލުމެއް ލިބިފަ އެވެ. ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުގެ ސިޓީއަކާއެކު އޭޕްރީލް 28، 2023 ގައި އިޓްލޮސް އިން ނެރުނު ހުކުމުގައި، ފޯޅަވަހީގެ ސިޔާދަތީ ބާރު މޮރިޝަސްއަށް އޮތް ކަމަށް ބަލައިގެން ކަނޑުގެ ސަރަހައްދު ދެބައިކުރި އެވެ. މިއާއެކު ރާއްޖެއަށް 47,232 އަކަކިލޯމީޓަރުގެ ސަރަހައްދެއް ލިބުނުއިރު މަސްވެރިން މަހަށް ނުކުންނަ ބޮޑުބައެއް ވަނީ ދިވެހިންގެ އަތުން ބީވެގެން ގޮސްފަ އެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކުރީގެ ސަރުކާރުގެ ސިޔާސަތު ބަދަލުކުރައްވާފައެވެ. ރައީސް މުއިއްޒު ވިދާޅުވަނީ ފޯޅަވަހީގެ މައްޗަށް މޮރިޝަސްއަށް ވުރެ ބޮޑު ހައްގެއް ރާއްޖެ އަށް އޮތް ކަމަށެވެ. މި ދައުވާގައި ދިވެހިން ހިފުމާއެކު އެ ގައުމުން މިވަނީ ރާއްޖެއާ ދެމެދު އޮތް 45 އަހަރުވީ ސިޔާސީ ގުޅުމުގައި ސިއްކަ ޖަހާފަ އެވެ. ނަމަަވެސް ސިއްކަ ޖެހިނަމަވެސް ތާރީހުން އެނގެން އޮތް ހަގީގަތަކީ ފޯޅަވަހީގައި ހުރި 900 އަހަރުވީ މަހާނަ ގާތަކުގައި ދިވެހި ބަހުން ލިޔެފައި ހުރި ކަމެވެ. އަދި 1560 ވަނަ އަހަރު ސުލްޠާން ޙަސަން 9 ވަނަ ލިޔުއްވި ސިޓީއެއްގައި ފޯޅަވަހީގެ ހަތް ރަށަކީ ރާއްޖޭގެ ތަނެއް ކަމަށް ބަޔާންކުރައްވާފައި އޮތުމެވެ. މި ހަގީގަތް ބަދަލެއް ނުކުރެވޭނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.