ފުލުހުން ދައުވާ ކުރަން ފޮނުވާފައި ވަނީ މައުރޫފް އާއި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރެއް ކަމަށްވާ ފާތިމަތު ޒަހިއްޔާ އަދި ނ. ހޮޅުދޫ މާފޮޅޭވިލާ، އަބްދުއްސަލާމްގެ މައްޗަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރާއި އިތުރު ދެ މީހެއްގެ މައްޗަށް ދައުވާ ކުރަން ފުލުހުން ޕީޖީ އޮފީހަށް މައްސަލައެއް ހުށަހަޅައިފި އެވެ.
ފުލުހުން ދައުވާ ކުރަން ފޮނުވާފައި ވަނީ މައުރޫފް އާއި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރެއް ކަމަށްވާ ފާތިމަތު ޒަހިއްޔާ އަދި ނ. ހޮޅުދޫ މާފޮޅޭވިލާ، އަބްދުއްސަލާމްގެ މައްޗަށެވެ.
އެ ތިން މީހުންގެ މައްޗަށް ފުލުހުން ކުރަނީ އެއްވެ އުޅުމުގެ ގާނޫނާ ހިލާފަށް މިދިޔަ އަހަރުގެ އޮކްޓޯބަރު ތިން ވަނަ ދުވަހުގެ ރޭ މާލޭގެ އެކި ސަރަހައްދުގެ މަގުތަކަށް އެއްވެ މުޒާހަރާކޮށް އަދި އާންމު ދަތުރުފަތުރަށާއި އާންމު ވިޔަފާރިތަކަށް ދަތިވާނެހެން ހަރަކާތްތެރިވެ ފުލުހުންގެ ދައުރު އަދާ ކުރަން ހުރަސް އަޅައި ފުލުހުން އަމުރަށް ނުކިޔަމަންތެރިވެ ފުލުހުންގެ ވާޖިބަށް ހުރަސް އެޅި ކަމުގެ ތުހުމަތެވެ.
ފުލުހުން އެ މީހުންނަށް ފޮނުވާފައިވާ ލިޔުމުގައި ބުނެފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެ މައްސަލަ ނިންމާފައިވާ ކަމަށެވެ.
މިދިޔަ އަހަރު އޮކްޓޯބަރު މަހުގައި ކުރި މުޒާހަރާގެ ތެރެއިން މައުރޫފާއި ޒަޔާ އަދި ސަލާމްގެ އިތުރުން ވެސް ބަޔަކު ހައްޔަރު ކުރި އެވެ.
އޭގެ ފަހުން ބޮޑުކަންނެލި މަސްވެރިން ކުރި މުޒާހަރާގެ ތެރެއިން ވެސް މައުރޫފް ހައްޔަރު ކުރި އެވެ.