މޮރިޝަސް އާ ވާހަކަ ދެއްކިޔަސް ރާއްޖެ ފަހަތަށް ޖެހޭކަށް ނުޖެހޭ : ނަޝީދު

ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ތަޖުރިބާކާރުން ހިމެނޭ ވަޓްސެޕް ގްރޫޕެއްގައި އެ މައްސަލަ އަށް އިޝާރަތް ކުރައްވައި ނަޝީދު ވަނީ ރާއްޖޭގެ ސްޓޭންޑް ދަމަހައްޓަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު --

ރާއްޖެ-މޮރިޝަސް ދެމެދު އޮތް ހާރިޖީ ގުޅުން ވަގުތީ ގޮތުން ކަނޑާލަން އެ ގައުމުން ނިންމި ނަމަވެސް ޗާގޯސް މައްސަލާގައި ރާއްޖެއިން ފަހަތައް ޖެހިގެން ނުވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މޮރިޝަސްގެ ސަރުކާރުން ރާއްޖެ އާ ގުޅުން ކަނޑާލަން ނިންމީ ޗާގޯސް މައްސަލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވާފައިވާ ސިޓީ އަނބުރާ ގެންނަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައި ވަނިކޮށެވެ. 

އޭގެ އިތުރުން ރާއްޖެ އާއި ޗާގޯސް އާދެމެދު އޮންނަ ކަނޑުގެ އިން ކަނޑައެޅުމަށް އިންޓްނޭޝަނަލް ޓްރައިބިއުނަލް އޮފް ލޯ އެންޑް ސީ (އިޓްލޮސް) އިން ނިންމި ނިންމުން ބަލައިނުގަންނަން ވެސް އެމަނިކުފާނު ނިންމަވާފައި ވަނިކޮށެވެ.

އެ މައްސަލާގައި މޮރިޝަސްގެ ކެބިނެޓުން އިއްޔެ ނިންމި ނިންމުމުގައި ބުނެފައި ވަނީ ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮތް ކަމަށް ގަބޫލު ނުކުރުމުގެ އިތުރުން އެތަނާ ގުޅޭގޮތުން އިނގިރޭސި ސަރުކާރާ އެކު ސޮއިކުރަން މަސައްކަތް ކުރާ އެއްބަސްވުމަށް ވެސް ރާއްޖޭން އިއުތިރާޒް ކުރާ ކަމަށެވެ.

ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ތަޖުރިބާކާރުން ހިމެނޭ ވަޓްސެޕް ގްރޫޕެއްގައި އެ މައްސަލަ އަށް އިޝާރަތް ކުރައްވައި ނަޝީދު ވަނީ ރާއްޖޭގެ ސްޓޭންޑް ދަމަހައްޓަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

"މޮރިޝަސް އާ ވާހަކަ ދައްކަން ޖެހޭ، އެހެނަސް ފަހަތަށް ޖެހޭކަށް ނުޖެހޭ." ނަޝީދު ވިދާޅުވި އެވެ.

މި ފަހުން އިނގިރޭސި ޕާލަމެންޓުގެ ހައުސް އޮފް ކޮމަންސްގައި ވެސް ވަނީ މި މައްސަލާގައި ބަހުސް ކޮށްފަ އެވެ. 

އެގޮތުން އިނގިރޭސިވިލާތުގެ ރިފޯމް ޔޫކޭ ޕާޓީގެ ލީޑަރު ނައިޖަލް ފަރާޖު ވިދާޅުވި ގޮތުގައި ތާރީހީ ގޮތުންނާއި ވިޔަފާރީގެ ގޮތުން އަދި އާސާރީ ހެކިތަކަށް ބަލާއިރު ވެސް މޮރިޝަސް އަށް ވުރެ ޗާގޯސް އާ އެންމެ ބޮޑު ގުޅުމެއް އޮތީ ރާއްޖެ އާ އެވެ. 

އެހެންވެ އެ ރަށްތަކުގެ މިލްކުވެރިކަން ހޯދަން ރާއްޖެއިން ވަރަށް އަވަހަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް މައްސަލައެއް ހުށަހަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.