ދެ އިންތިހާބު އެއް ކުރުމުގެ މައިގަނޑު އެއް ސަބަބަކީ ސަރުކާރުން ބުނާ ގޮތުގައި ހަ މަސް ތެރޭގައި އިތުރު އިންތިހާބެއް ބާއްވަން 180 މިލިއަން ރުފިޔާ ހަރަދުވާތީ އެވެ.

ދައުލަތުގެ ހަރަދުތައް ކުޑަ ކުރުމުގެ ބޭނުމުގައި ރިޔާސީ އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމުގެ ބަދަލުގައި ސަރުކާރުގެ އެތެރޭގެ އޮޑިޓެއް ހަދަން ޖެހޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ
ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން ރޭ ހުޅުމާލޭގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޔާމީން ވަނީ ސަރުކާރުން ގާނޫނުއަސާސީ ބަދަލު ކޮށްގެން ދެ އިންތިހާބު އެއްކޮށްލަން މަސައްކަތް ކުރާ މައްސަލަ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
ދެ އިންތިހާބު އެއް ކުރުމުގެ މައިގަނޑު އެއް ސަބަބަކީ ސަރުކާރުން ބުނާ ގޮތުގައި ހަ މަސް ތެރޭގައި އިތުރު އިންތިހާބެއް ބާއްވަން 180 މިލިއަން ރުފިޔާ ހަރަދުވާތީ އެވެ.
އެކަމަށް ރައްދު ދެއްވައި ޔާމީން ވިދާޅުވި ގޮތުގައި ސަރުކާރުން އުޅެނީ ހަރަދު ކުޑަ ކުރާކަށް ނޫނެވެ.
"އެއް ބޭފުޅަކު ވިދާޅުވި އަބަދު އިންތިހާބުތައް ހޭ ބާއްވަންވީ. ދައުލަތުން ހަރަދު ކުޑަ ކުރަންޔާ [ސަރުކާރުގެ] އިންޓާނަލް އޮޑިޓެއް ކުރަންވީ." ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ދައުލަތުގެ ދެ ބާރު އެއްފަހަރާ ދައުރު ހުސްވުމުން މިނިވަން މުއައްސަސާތައް ޖަވާބުދާރީ ކުރުވޭނެ ގޮތެއް ވެސް ނޯންނާނެ އެވެ. އެކަން ކުރުމުގެ ޒިންމާ މަޖިލީހުން އުފުލަން ޖެހޭ އިރު އެ މަޖިލީސް ސަރުކާރާ އެކީ ވުޖޫދުން ފޮހެވިގެން ދާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.
"މަޖިލީހާއި ރައީސް އާ އެއްކޮށް ދައުރު ހުސްވެ އެއްކޮށް ދައުރު ފެށީމަ ވާނެ ގޮތަކީ ގާނޫނުއަސާސީން ބޮޑެތި ޒިންމާތައް މަތި ކޮށްފައި ހުރި މުވައްސަސާތައް ޖަވާބުދާރީ ކުރުވާނެ ބަޔަކު ނެތިގެން ދަނީ. މިވަރު ނުވިސްނޭ ބަޔަކު މިތިބީ." ޔާމީން ވިދާޅުވި އެވެ.
ގާނޫނުއަސާސީ ހެދުމުގައި 18 އަހަރު ނެގީ ސަބަބުތަކެއް ހުރެގެން ކަމަށާއި އެހާ ދިގު މުއްދަތެއް އެކަން ކުރަން ހޭދަވީ ސަބަބުތަކެއް ނެތިއެއް ނޫން ކަމަށް ޔާމީން ވިދާޅުވި އެވެ.
"މެޖޯރިޓީ އޮތީ މަ [ގާނޫނުއަސާސީ] އަނެއް ފުށަށް ޖަހާލާއިރު ވިސްނަންވާނެ މި ކުރެވެނީ ކީއްތޯ." ޔާމީން ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމާ ގުޅޭ ގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުން އޮތީ ލޯކަލް ކައުންސިލް އިންތިހާބާއެކު އަންނަ އޭޕްރިލް 4 ގަ އެވެ.