ޗާގޯސް ދެބަސްވުން | މޮރިޝަސްއިން ރާއްޖެއާއެކު ހާރިޖީ ގުޅުން ކަނޑައިލަން ނިންމައިފި

މި ވަގުތުން ފެށިގެން ރާއްޖެ އާއެކު އޮތް ހާރިޖީ ގުޅުން ސަސްޕެންޑްކުރަން ކެބިނެޓުން ވަނީ ނިންމައިފަ އެވެ.

ރާއްޖޭން މޮރިޝަސްއަށް ކަނޑައެޅި ނޮން ރެޒިޑެންޓް ސަފީރު މަސްއޫދު އިމާދު، މޮރިޝަސްގެ ރައީސަށް ސަފީރުކަމުގެ ފަތްކޮޅު އަރުވަނީ. --ފޮޓޯ: ފޮރިން މިނިސްޓްރީ

ޗާގޯސް ޖަޒީރާ ރަށްތަކުގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮތް ކަމަށް ގަބޫލުކުރަން ރާއްޖޭން ދެކޮޅު ހަދާ ކަމަށް ބުނެ، ރާއްޖެއާއެކު އޮތް ހާރިޖީ ގުޅުން ވަގުތީ ގޮތުން ކަނޑައިލަން މޮރިޝަސްގެ ސަރުކާރުން މިއަދު ނިންމައިފި އެވެ. 

މޮރިޝަސްގެ ކެބިނެޓުން މިއަދު ނިންމި ނިންމުމުގައި ބުނީ، ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮތް ކަމަށް ގަބޫލުނުކުރުމުގެ އިތުރުން، އެތަނާ ގުޅޭގޮތުން އިނގިރޭސި ސަރުކާރާ އެކު ސޮއިކުރަން މަސައްކަތް ކުރާ އެއްބަސްވުމަށް ވެސް ރާއްޖޭން އިއުތިރާޒް ކުރާ ކަމަށެވެ.

އެ ކަންކަމުގެ މައްޗަށް ރިއާއަތްކޮށް، މި ވަގުތުން ފެށިގެން ރާއްޖެ އާއެކު އޮތް ހާރިޖީ ގުޅުން ސަސްޕެންޑްކުރަން ކެބިނެޓުން ވަނީ ނިންމައިފަ އެވެ.

މޮރިޝަސްގެ ސަރުކާރުގެ މި ނިންމުން އައިސްފައިވަނީ، ކުރީގެ ސަރުކާރުން މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވާފައިވާ ސިޓީ އަނބުރާ ގެންނަން ނިންމަވާފައިވާ ކަމަށާއި، އަދި ރާއްޖެ އާއި ޗާގޯސް އާދެމެދު އޮންނަ ކަނޑުގެ އިން ކަނޑައެޅުމަށް އިންޓްނޭޝަނަލް ޓްރައިބިއުނަލް އޮފް ލޯ އެންޑް ސީ (އިޓްލޮސް) އިން ނިންމި ނިންމުން ބަލައިނުގަންނަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރައްވާފައިވަނިކޮށެވެ. 

މީގެއިތުރުން، ޗާގޯސް މައްސަލައިގައި ކުރީގެ ސަރުކާރުން އިޓްލޮސްގައި ނެގި ސްޓޭންޑުތަކުގެ ސަބަބުން ރާއްޖެއަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށާއި، އެ ސްޓޭންޑުތައް ނެގި ސަބަބު އޮޅުން ފިލުވުމަށާއި ފިޔަވަޅެއް އަޅަންޖެހޭނެ ފިޔަވަޅެއް އެޅުމަށް އިންކުއަރީ ކޮމިޝަނެއް ހަދަން ނިންމާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވަނީ ރާއްޖޭގެ ކަނޑުން ގެއްލުނު ބައި ހޯދައި، ޗާގޯސް ރާއްޖެއަށް ހޯދަން ވެސް އިނގިރޭސިވިލާތުގެ ސަރުކާރާ އެކު މަޝްވަރާތައް ކުރަމުން އަންނަކަން ހާމަކުރައްވައިފަ އެވެ. އެގޮތުން، މޮރިޝަސްއަށް ވުރެ ޗާގޯސް ހައްގީ ރާއްޖެއަށް ކަމަށް ބަޔާންކޮށް އިނގިރޭސިވިލާތުގެ ސަރުކާރަށް ދެ ސިޓީއެއް ފޮނުވައި، އެ ގައުމުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރާ އެކު ފޯނު ކޯލަކުން މަޝްވަރާ ކުރައްވާފައިވާ ކަން ރައީސް ފާހަގަކުރެއްވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.