ކޯޓަށް ހާޒިރުކުރުމުން އޭނާ ބުނެފައި ވަނީ މި ހާދިސާ ހިނގާފައިވާ ކަމަށް އިންކާރު ނުކުރާ ކަމަށާއި ނަމަވެސް އެއީ ގަސްދުގައި ހިނގާފައިވާ ހާދިސާއެއް ނޫން ކަމަށެވެ.

މިދިޔަ ބުދަ ދުވަހުގެ ރޭ ދަންވަރު މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 16 އަހަރުގެ ކުއްޖަކު މަރުވި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން ޒުވާނާ ބަންދުން ދޫކޮށްލައިފި އެވެ.
އެރޭ ދަންވަރު 1:39 ގައި، ބޮޑުތަކުރުފާނު މަގުން، ސިނަމާލެ ބްރިޖުގެ ޓްރެފިކް ލައިޓް ކައިރިން ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް، ޕޭވްމަންޓް މައްޗަށް އަރައި ވަނީ އެކްސިޑެންޓްވެފަ އެވެ.
މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިނީ ލައިސަންސް ނެތް 19 އަހަރުގެ ޒުވާނެކެވެ. މަރުވެފައި ވަނީ އެ ސައިކަލުގެ ފަހަތުގައި އިން ކުއްޖާ އެވެ.
ސައިކަލު ދުއްވަން އިން ޒުވާނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ވަނީ ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފަ އެވެ.
ކޯޓަށް ހާޒިރުކުރުމުން އޭނާ ބުނެފައި ވަނީ މި ހާދިސާ ހިނގާފައިވާ ކަމަށް އިންކާރު ނުކުރާ ކަމަށާއި ނަމަވެސް އެއީ ގަސްދުގައި ހިނގާފައިވާ ހާދިސާއެއް ނޫން ކަމަށެވެ. އަދި އެއީ ދެ ރައްޓެހިން ސައިކަލުގައި ދަނިކޮށް ހިނގި ހާދިސާއެއް ކަމަށާއި އެކަން ހިނގީތީ ހިތާމަ ކުރާ ކަމަށްވެސް ބުނެފައިވެ އެވެ.
އެހެންކަމުން ވީއެންމެ ހަރުކަށި ޝަރުތުތަކެއް ކުރުމަށްފަހު ބަންދުން ދޫކޮށް ދިނުމަށް އެ ޒުވާނާ ވަނީ އެދިފަ އެވެ.
އޭނާއަށް ވެސް ލިބިފައިވާ އަނިޔާތަކަށް ރިއާޔަތްކޮށް، ފުލުހުންނަށް އެއްބާރުލުން ދޭނަމަ ހަރުކަށި ޝަރުތު ކުރުމަށްފަހު ދޫކޮށްލަން ފުލުހުންގެ އިއުތިރާޒެއް ނެތް ކަމަށް ކޯޓު އަމުރުގައިވެ އެވެ.
އެހެންވެ، ޒުވާނާގެ ޕާސްޕޯޓް ހިފަހައްޓައި، ރަށުން ބޭރަށް ފުރައިގެން ނުދިއުމަށް ޝަރުތުކުރުމަށްފަހު ކޯޓުން ވަނީ އޭނާ ދޫކޮށްލާފަ އެވެ. ޝަރުތުތަކާ ހިލާފުވެއްޖެނަމަ އަލުން ބަންދު ކުރާނެ ކަމަށް ވެސް އަމުރުގައިވެ އެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.