މިކަން ފަޅާ އަރާފައިވަނީ މިނިސްޓަރު އަލީ އިހުސާންގެ އަނބިކަނބަލުންނާއި އަންހެން ދަރިކަނބަލުން މަގުމަތީގައި އުޅުއްވަނިކޮށް މަގުމަތީގައި އަކްރަމް ކަމާލުއްދީން އާއި އިބްރާހިމް ވަހީދު ވީޑިއޯ ކުރާ މަންޒަރުތަކެއް އާއްމު ކުރުމުންނެވެ.

ހޯމް މިނިސްޓަރު އަލީ ހިއުސާންގެ ދަރިކަލުންނާއި އަނބިކަނބަލުން މަގުމަތީގައި އުޅެނިކޮށް ވީޑިއޯކޮށް ކާކުކަން ނޭނގޭ ސޯޝަލް މީޑިއާ އެކައުންޓްތަކަށް ވީޑިއޯ ފޮނުވީ އެމްޑީޕީގައި އިސްކޮށް ހަރަކާތްތެރިވާ އަކްރަމް ކަމާލުއްދީން އާއި އިބްރާހިމް ވަހީދުކަން ފަޅާ އަރުވާލައިފި އެވެ.
މިކަން ފަޅާ އަރާފައިވަނީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާންގެ އަނބިކަނބަލުންނާއި އަންހެން ދަރިކަނބަލުން މަގުމަތީގައި އުޅުއްވަނިކޮށް މަގުމަތީގައި އަކްރަމް ކަމާލުއްދީން އާއި އިބްރާހިމް ވަހީދު ވީޑިއޯ ކުރާ މަންޒަރުތަކެއް މިނިސްޓަރު އިހުސާން ސޯޝަލް މީޑީއާއަށް ލުމުންނެވެ.
މި ވިޑިއޯ ލުމުގެ ކުރީގައި ކާކުކަން ނޭނގޭ ގޮތަށް ފޮރުވިގެން މައުލޫމާތު އާއްމުކުރާ ސޯޝަލް މީޑިއާ ޕްރެޓްފޯމްގައި ވަނީ އެ ވީޑިއޯ އާއްމުކޮށްފަ އެވެ. އެ ވީޑިއޯއިން ފެންނަނީ ހޯމް މިނިސްޓަރުގެ އަނބިކަނބަލުންނާއި ދަރިކަނބަލުން އައި ބޮޑީގާޑް މަގުމަތީގައި ހިނގާފައިދާ ތަނެވެ.
މި ވީޑިއޯ އާއްމު ކުރައްވައި މިނިސްޓަރު އިހުސާން ސޯޝަލް މީޑިއާގައި ލިޔުއްވާފައިވާ ގޮތުގައި، ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ސިޔާސީ ޕާޓީއެއްގެ އިސް ސަފުގައި ތިއްބެވި ބޭފުޅުން، މަގުމަތިން އާންމު ރައްޔިތުންގެ އާއިލާތަކަށް ފާރަލައި ވީޑިއޯކޮށް އާއްމު ކުރުމަކީ އަހުލާގީ ގޮތުން ރަނގަޅު ކަމެއް ނޫން ކަމަށެވެ.
މިފަދަ އަމަލުތަކުގެ ސަބަބުން ރާއްޖޭގެ ސިޔާސީ މަޝްރަހުގައި އޮތް ބަދަލުހިފުމާއި، އާއިލާތަކަށް އަމާޒުކޮށްގެން ހިންގާ ނަފުރަތުގެ ސިޔާސަތު އިތުރަށް ގޯސްވެގެންދާކަން އިހުސާން ފާހަގަ ކުރެއްވި އެވެ.
"ކުޑަކުދިންގެ ހައްގުތަކާއި އަންހެނުންގެ ހައްގުތަކުގެ ވާހަކަ ދައްކާއިރު، އަމަލީ ގޮތުން އެ ހައްގުތަކަށް އިހުތިރާމް ކުރުމަކީ ކޮންމެ ސިޔާސީ ލީޑަރެއްގެވެސް ޒިންމާއެކެވެ.،" ހޯމް މިނިސްޓަރު ލިޔުއްވާފައިވެ އެވެ.