ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ގޯއްޗާއި ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު އަންނަ އެޕްރީލް މަހުގެ 30 ވަނަ ދުވަހުގެ ރޭ 11:59 އަށް އިތުރުކޮށްފައިވާ ކަމަށެވެ.

މި ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ހިންގާ ފުރަތަމަ ބޯހިޔާވަހިކަމުގެ ސްކީމަށް ކުރިމަތިލެވޭ މުއްދަތު އިތުރުކޮށްފި އެވެ.
ސަރުކާރުގެ މި ބޯހިޔާވަހިކަމުގެ ސިޔާސަތުގެ "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުގެ ދަށުން މާލޭ ސަރަހައްދުން ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު އޭޕްރީލް 17 ވަނަ ދުވަހުގެ 23:59 ނިޔަލަށް އޮތީ ހުޅުވާލައިފަ އެވެ. އަދި ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މާޗު ހަތަރު ވަނަ ދުވަހުގެ 23:59 ގެ ނިޔަލަށެވެ.
ނަމަވެސް، ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ގޯއްޗާއި ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު އަންނަ އެޕްރީލް މަހުގެ 30 ވަނަ ދުވަހުގެ ރޭ 11:59 އަށް އިތުރުކޮށްފައިވާ ކަމަށެވެ.
މި ސްކީމުގެ ދަށުން މާލެ ސަރަހައްދުންނާއި ރަސްމާލެ ހިމެނޭހެން 15,000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މާލެ ސަރަހައްދުން 7,900 ފްލެޓް ދޫކުރުމަށް ވެސް ސަރުކާރުން ނިންމާފައިވެ އެވެ.
ފްލެޓް ދޫކުރުމުގައި މާލޭގެ ރަށްވެހިންނަށް 4,000 ފްލެޓް، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 1,500 ފްލެޓް އަދި ހާއްސަ އިސްކަންދޭ ކެޓަގަރީތަކަށް 2,400 ފްލެޓް ވަނީ ކަނޑައަޅާފަ އެވެ. އެ ކެޓެގަރީތަކުގެ ތެރޭގައި ދައުލަތުގެ އެކި މުއައްސަސާތަކާއި ފުލުހުންނާއި ސިފައިން އަދި އެކަނިވެރި މައިންނާއި ބަފައިންނަށާއި މަސްވެރިންނާއި ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މީހުންނާއި ޓެކްސީ ޑްރައިވަރުންނަށް ވެސް ފްލެޓް ހާއްސަކޮށްފައިވެ އެވެ.
މި ސްކީމުން ގޯތި ލިބޭނީ މާލޭގައި ރަށްވެހި ވެގެން އުޅޭތާ ފަސް އަހަރަށް ވުރެ ގިނަ ދުވަސްވީ މިހުންނަށެވެ. ދެން ގޯތިދޭ ބައިގައި ހިމެނެނީ މާލޭގައި ދިިރުއުޅެމުންދާ އެހެނިހެން ރަށްރަށުގެ ރަށް ވެހިންނެވެ. މި ފަރާތްތަކަށް ގޯތިދޭނީ ރަސްމާލެއިންނެވެ. މި ސްކީމުން ވެސް ފްލެޓް ލިބޭނީ މާލޭގައި މެދުނުކެނޑި ދިިރިއުޅެމުންދާތާ 15 އަހަރުވެފައިވާ ފަރާތްތަކަށެވެ.
އެގޮތުން މާލޭގެ ރަށްވެހިންނަށް 10,000 ގޯތި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 3,000 ގޯތި، އަދި މައިމުޅަވެފައިވާ މީހުންނަށް 500 ގޯތި ދިނުމަށް ނިންމާފައިވެ އެވެ.
ހައުސިން މިނިސްޓްރީން މި ހަފުތާގައި ބުނިގޮތުގައި، ގޯއްޗާއި ފްލެޓަށް މިހާތަނަށް ޖުމްލަ 5،067 ފޯމު ހުށަހަޅާފައިވެ އެވެ. އެއީ ގޯއްޗަށް އެދި 1،633 އެޕްލިކޭޝަަނަކާއި ފްލެޓަށް އެދި 3،434 އެޕްލިކޭޝަނެކެވެ.