ދެ އަހަރު ތެރޭ ލާމަރުމަޒީ ހިދުމަތްތައް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ: ރައީސް

"މޯލްޑިވްސް 2.0 ގެ އަމާޒުތައް ހާސިލުވެ، ޑިޖިޓަލް ދިވެހިރާއްޖެއެއްގެ ފަސޭހަތައް ހޯދެމުންދިޔަ ވަރަކަށް ރަށްތަކުގައި ތިބެ، ހިދުމަތްތައް ހޯދައި، އާމްދަނީގެ މަގުތައް ފަހިކުރުމުގެ ފުރުސަތު، ދިވެހި ރައްޔިތުންނަށް އިތުރަށް ތަނަވަސްވަމުން ދާނެ،"

ރައީސް ޑރ. މުހައްމަދު މުއިއްޒު --

ވޭތުވި ދެ އަހަރުތެރޭގައި ލާމަރުމަޒީ ހިދުމަތްތައް ފުޅާކުރުމަށް އިތުރު ބާރާއި، ރައްޔިތުންގެ އިތުބާރު ހޯދައިދިނުމަށް ބޮޑެތި މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ލާމަރުކަޒީ ދުވަހާ ގުޅިގެން ރައީސް ފޮނުއްވި ހިތޯބުގައި ވިދާޅުވީ، މިހާރު ޢަމަލުކުރަމުންދާ ގާނޫނުއަސާސީއާއެކު، ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމުގެ ފުރުސަތު އިތުރަށް ފަހިވެފައިވާ ކަމަށާއި މި ވޭތުވި ދެ އަހަރު ދުވަހު އެކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވިއްޖެ ކަމަށެވެ.

އެގޮތުން ރައީސް ވިދާޅުވީ ކައުންސިލްތަކަށް އާމްދަނީ ލިބޭނެ މަގުތައް އިތުރަށް ފަހިކޮށްދިނުމާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ހައްގު މަގާމާއި ހައިސިއްޔަތު ހޯދައިދިނުމާއި، ކައުންސިލް މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދިނުން ފަދަ، ލާމަރުކަޒީ ގާނޫނު ވުޖޫދުވީއްސުރެ ކައުންސިލުންތަކުން އިންތިޒާރުކުރަމުން އައި އެތައް ކަމެއް މިއަދު ހަގީގަތަށް ވެފައިވާ ކަމަށެވެ.

އަދި، ކައުންސިލްތަކަށް ވަސީލަތްތައް ފަހި، ޒަމާނީ އާ އިމާރާތްތައް ބިނާކޮށްދިނުމުގައި މި ސަރުކާރުން އިސްނަގާފައިވާކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.

ރައީސްގެ ހިތޯބުގައި ވިދާޅުވީ، ރަށްތަކުގެ ސިއްހީ، ތައުލީމީ އަދި އެނޫން އިޖުތިމާއީ ހިދުމަތްތައްވެސް ފުޅާކޮށް، ކޮންމެ ރަށެއްގައި ފުލުހުންގެ ހިދުމަތް، އޭޓީއެމް، ކޮންމެ އަތޮޅަކުން އައިޑީ ކާޑާއި ޕާސްޕޯޓު ހެދުން އެތައް ޒަމާނަކަށްފަހު މި ސަރުކާރުން ހަގީގަތަކަށް ހަދައިދީފައިވާ ކަމަށެވެ.

އަދި ރަށްތަކުގައި ކުޅިވަރު ކުޅޭނެ ވަސީލަތްތަކާއި ޕާކުތައް ގާއިމުކުރުމުގައި އެންމެ ބޮޑު ކާމިޔާބު ހޯދާނެ ކަމަށާއި، ހުރިހާ ރަށަކަށް ފެނާއި ނަރުދަމާގެ އަސާސީ ހިދުމަތްތައް ފުރިހަމަކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އޭގެ އިތުރުނ، މަގުހެދުން، ބަނދަރުހެދުން ފަދަ އުމްރާނީ އެންމެ ގިނަ މަޝްރޫއު އެއްފަހަރާ މުޅި ރާއްޖޭގައި ހިނގަމުން ދާނީ މި ވޭތުވި ދެ އަހަރުގެ ތެރޭގައިވެސް ފާހަގަކުރައްވާފައިވެ އެވެ.

ރައީސް އިތުރަށް ފާހަގަކުރެއްވީ، ރާއްޖޭގެ ގައުމީ ތަރައްގީގެ މައި ތަސައްވުރު އެކުލަވައިލުމަށް ހުރިހާ ރަށަކަށް ޒިޔާރަތްކޮށް، ރައްޔިތުންގެ ހިޔާލު ސަރުކާރުން ވަނީ ހޯދައިފައިވާ ކަމަށެވެ. އަދި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގިނަވުން، މަސްތުވާތަކެތީގެ ވިޔަފާރި، ގޭންގު ކުށްތައް ފަދަ ރައްޔިތުން ކަންބޮޑުވާ ކަންކަމުގައި، ހުރިހާ ރަށެއްގައި އެކަންކަމަށް ދާއިމީ ހައްލު ހޯދުމުގެ މަސައްކަތް ކުރަމުންދާކަން ވެސް ފާހަގަކުރެއްވި އެވެ.

"މޯލްޑިވްސް 2.0 ގެ އަމާޒުތައް ހާސިލުވެ، ޑިޖިޓަލް ދިވެހިރާއްޖެއެއްގެ ފަސޭހަތައް ހޯދެމުންދިޔަ ވަރަކަށް ރަށްތަކުގައި ތިބެ، ހިދުމަތްތައް ހޯދައި، އާމްދަނީގެ މަގުތައް ފަހިކުރުމުގެ ފުރުސަތު، ދިވެހި ރައްޔިތުންނަށް އިތުރަށް ތަނަވަސްވަމުން ދާނެ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނުގެ ހިތޯބު ނިންމާލައްވަމުން ވިދާޅުވީ އުންމީދަކީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއެކު، ކައުންސިލްތަކުގެ ދައުރާއި ވާޖިބު އަދާކުރުން އިތުރަށް ވަރުގަދަވެ، ސަރުކާރާ ގުޅިގެން ރަށްވެހި ތަރައްގީ އާއި ތަމައްދުން ގެނައުމުގައި ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ވުން ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.