2023 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި 3.9 ބިލިއަން ރުފިޔާގައި ހުރި މި ދަރަނި، 2025 ވަނަ އަހަރު ނިމުނުއިރު ވަނީ 9.9 ބިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ.

ރާއްޖޭގެ ބޭރުގެ ދަރަނި މިދިޔަ އަހަރުގެ ނިޔަލަށް 43.6 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އެންމެ ބޮޑު ދަރަންޏެއް އޮތީ އިންޑިއާގެ އެގްޒިމް ބޭންކުގެ ދަރަނި ކަމަށް ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން ނެރުނު 2025 ވަނަ އަހަރުގެ ދަރަނީގެ ރިޕޯޓް ދައްކާ ގޮތުން ދިވެހި ސަރުކާރުގެ ބޭރުގެ ދަރަނި 2025 ވަނަ އަހަރުގެ ނިޔަލަށް 43.6 ބިލިއަން ރުފިޔާއަށް ވަނީ އަރާފ އެވެ. މިއީ 2023 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު 10 ބިލިއަން ރުފިޔާގެ ބޮޑު އިތުރުވުމެކެވެ.
ދަރަނި ދޫކޮށްފައިވާ ވަކިވަކި ތަންތަނަށް ބަލާއިރު، ރާއްޖޭގެ އެންމެ ބޮޑު ދަރަންޏެއް އޮތީ އިންޑިއާގެ އެކްސްޕޯޓް-އިމްޕޯޓް (އެގްޒިމް) ބޭންކަށެވެ. އިންޑިއާ އެގްޒިމް ބޭންކުން 2023 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި 3.9 ބިލިއަން ރުފިޔާގައި ހުރި މި ދަރަނި، 2025 ވަނަ އަހަރު ނިމުނުއިރު ވަނީ 9.9 ބިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ. އިންޑިއާއިން ދަނީ ލުއި ފަސޭހަކަމާއެކު ދޫކޮށްފައިވާ ލޯނުން ރާއްޖޭގައި ގިނަ މަޝްރޫއުތަކެއް ހިންގަމުންނެވެ. އެގޮތުން ހިންގާ އެންމެ ބޮޑު މަޝްރޫއަކީ 500 މިލިއަން ޑޮލަރުގެ ލޯނެއްގައި ހިންގާ ތިލަމާލެ ބްރިޖު މަޝްރޫއެވެ.
ރާއްޖޭގެ ބޭރުގެ ދަަރަނީގެ ތެރޭން ދެވަނައަށް އެންމެ ބޮޑު ދަރަންޏެއް އޮތީ ޗައިނާ އެގްޒިމް ބޭންކުގެ އެވެ. ނަމަވެސް މި ދަރަނި ވަނީ 8.6 ބިލިއަން ރުފިޔާއިން 7.3 ބިލިއަން ރުފިޔާ އަށް ދަށްވެފަ އެވެ. މީގެ އިތުރުން ބޭރުގެ ދަރަނީގެ ތެރޭން ބޭރުގެ ބޮންޑް ހޯލްޑަރުންނަށް ދައްކަންޖެހޭ ދަރަނި ހުރީ 7.7 ބިލިއަން ރުފިޔާ އެވެ.
މި ރިޕޯޓް ދައްކާ ގޮތުން 2023 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޖުމްލަ ބޭރުގެ ދަރަނި 33.2 ބިލިއަން ރުފިޔާގައި ހުރި ނަމަވެސް، ކޮންމެ ކުއާޓަރެއްގައި ވެސް ދަރަނި އިތުރުވަމުން ގޮސް 2025 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރު ނިމުނުއިރު މިވަނީ 43,6 މިލިއަން ރުފިޔާ އަށް އަރާފަ އެވެ. މީގެ ތެރެއިން އެންމެ ބޮޑު އިތުރުވުމެއް ފެންނަނީ ތަރައްގީގެ މަޝްރޫއުތަކަށް ނަގާފައިވާ ލޯނުތަކުންނެވެ.
ފިނޭންސުގެ މާލީ ރިޕޯޓް ދައްކާ ގޮތުން ރާއްޖޭގެ ޖުމްލަ ދަރަނި ހުރީ 154 ބިލިއަން ރުފިޔާގަ އެވެ. މިއީ ޖީޑީޕީގެ ނިސްބަތުން 133 ޕަސެންޓުގަ އެވެ.