އުމުރުން 62 އަހަރުގެ ނިމާލަށް ސްޓްރޯކެއް ޖެހިގެން، އައިޖީއެމްއެޗުގައި އެޑްމިޓް ކުރީ މިދިޔަ ޑިސެމްބަރު 31 ވަނަ ދުވަހު އެވެ.

އައިޖީއެމްއެޗްގައި ފަރުވާދެމުންދިޔަ، މަޝްހޫރު ފިލްމު ޑިރެކްޓަރު އަހުމަދު ނިމާލް ދާދި ދެންމެއަކު ނިޔާވެއްޖެ އެވެ.
އުމުރުން 62 އަހަރުގެ ނިމާލަށް ސްޓްރޯކެއް ޖެހިގެން، އައިޖީއެމްއެޗުގައި އެޑްމިޓް ކުރީ މިދިޔަ ޑިސެމްބަރު 31 ވަނަ ދުވަހު އެވެ. އޭނާއަށް ސްޓްރޯކެއް ޖެހުނީ، ސައިކަލްގައި ދަނިކޮށް ކަމަށް އެނގިފައިވެ އެވެ.
އެނގިފައިވާ ގޮތުގައި، އައިޖީއެމްއެޗްގައި ނިމާލަށް ފަރުވާދިނީ ވެންޓިލޭޓަރުގެ އެހީގަ އެވެ. އަދި އެ މުއްދަތުގައި އޭނާ އެއްވެސް ގޮތަކަށް ހޭނާރާކަން އެނގިފައިވެ އެވެ.
ނިމާލްގެ އާއިލާގެ މީހަކު ސޯޝަލް މީޑިޔާގައި ކުރި ޕޯސްޓެއްގައި ވަނީ، މިއަދުގެ ހެނދުނުގެ ވަގުތެއްގައި ނިމާލް ނިޔާވެފައިވާކަން ކަށަވަރުކޮށްދިފަ އެވެ.
ނިމާލް ދިވެހި ފިލްމީ ދާއިރާއަށް ނުކުތީ 1984 ވަނަ އަހަރުގެ ތެރޭގަ އެވެ.
އެކްޓަރެއްގެ އިތުރުން ޑައިރެކްޓަރެއްގެ ގޮތުގައި ވެސް ނިމާލް ކުރި މަސައްކަތްތަކަށް ދިވެހިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދައިފަ އެވެ.
އޭގެ ތެރޭގައި "ސިޓީ"، "ޒަލްޒަލާ"، "ޔޫސުފް" އަދި "ނިއުމާ" ފަދަ ފިލްމްތައް ހިމެނެ އެވެ.
މީގެއިތުރުން، ކޮމެޑީ ސީރީސް "ސަޅިބައިސާ"އަކީ ވެސް ދިވެހިންގެ މެދުގައި އަދިވެސް ވަރަށް މަގުބޫލު ސީރީސްއެކެވެ.
ފިލްމީ ދާއިރާ އަށް ނިމާލް ކޮށްދިން ހިދުމަތުގެ އަގުވަޒަންކޮށް އޭނާއަށް ވަނީ 1991 ވަނަ އަހަރު ހިތްވަރުދިނުމުގެ ގައުމީ އިނާމު ވެސް ލިބިފަ އެވެ.