މޮރިޝަސްއަށް ވުރެ ޗާގޯސް އާ ގުޅުން އޮތީ ރާއްޖެއާ، އެތަން ހޯދަން ރާއްޖޭން ވަރަށް އަވަހަށް ހުށަހަޅާނެ: ފަރާޖް

ތާރީހީ ގޮތުންނާއި ވިޔަފާރީގެ ގޮތުން އަދި އާސާރީ ހެކިތަކަށް ބަލާއިރު ވެސް ޗާގޯސް އާ އެންމެ ބޮޑު ގުޅުމެއް އޮތީ ރާއްޖެ އާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރިފޯމް ޔޫކޭ ޕާޓީގެ ލީޑަރު ނައިޖަލް ފަރާޖު

މޮރިޝަސް އަށް ވުރެ ޗާގޯސް އާ ބޮޑަށް ގުޅުން އޮތީ ރާއްޖެ އާ ކަމަށް އިނގިރޭސިވިލާތުގެ ރިފޯމް ޔޫކޭ ޕާޓީގެ ލީޑަރު ނައިޖަލް ފަރާޖު ވިދާޅުވެއްޖެ އެވެ.

އިނގިރޭސި ޕާލަމެންޓުގެ ހައުސް އޮފް ކޮމަންސްގައި ވާހަކަ ދައްކަވަމުން ފަރާޖް ވިދާޅުވީ އޭނާ މި ފަހުން ރާއްޖެ އަށް ކުރެއްވި ދަތުރުގައި އެނގުނު ކަމަކީ ތާރީހީ ގޮތުންނާއި ވިޔަފާރީގެ ގޮތުން އަދި އާސާރީ ހެކިތަކަށް ބަލާއިރު ވެސް ޗާގޯސް އާ އެންމެ ބޮޑު ގުޅުމެއް އޮތީ ރާއްޖެ އާ ކަމަށެވެ.

ޗާގޯސް އައިލެންޑްސް ހިފި ފްރާންސް އިން ކުރިހާވެސް ކަމަކީ އެ ރަށްތަކަށް ކިޔާ އުޅުނު ދިވެހި ނަންތައް ބަދަލު ކުރުން ކަމަށް ފަރާޖް ވިދާޅުވި އެވެ.

"މޮރިޝަސް އިން އެ ރަށްތަކުގެ މިލްކުވެރިކަމަށް ދައުވާކުރާނެ ތާރީހީ ނުވަތަ ސަގާފީ އެއްވެސް އަސާސެއް ނެތް." އޭނާ ވިދާޅުވި އެވެ.

ފަރާޖް ވިދާޅުވި ގޮތުގައި މި މައްސަލާގައި ރާއްޖެއިން ކަންބޮޑުވާ އޮތީ މައިގަނޑު ދެ ސަބަބެކެވެ.

އެއް ކަމަކީ އިންޑިއާ ކަނޑުގެ އެ ސަރަހައްދަކީ ވޭތުވެދިޔަ އެތައް އަހަރުތަކެއް ވަންދެން ހަމަޖެހުން ގާއިމް ވެފައި އޮތް ތަނެއް ކަމަށާއި ނަމަވެސް އެ އެއްބަސްވުމުގެ ސަބަބުން އިންޑިއާއާއި ޗައިނާ އާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ބޮޑުވާނެ ކަމަށް ފަރާޖް ވިދާޅުވި އެވެ.

އެ ރަށްތަކުގެ މިލްކުވެރިކަމުގެ ހައްގު އޮތީ މޮރިޝަސްއަށް ނޫން ކަމަށާއި އެއީ ދިވެހިރާއްޖޭގެ ތަނެއްކަން ބަޔާންކޮށް ރާއްޖެއިން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ދައުވާއެއް ހުށަހެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށް ފަރާޖް ވިދާޅުވި އެވެ.

ފަރާޖް މި ފަހުން ރާއްޖެ ވަޑައިގަތީ އޭނާ ވިދާޅުވި ގޮތުގައި ޗާގޯސްގައި އަލުން ވަޒަންވެރިވުމަށް އެތަނަށް ކަނޑުމަގުން ދިއުމަށް މަސައްކަތްކުރާ ޗާގޯސްގެ ބަޔަކަށް ކާބޯތަކެއްޗާއި އެހެނިހެން ޒަރޫރީ ސަމާނު ފޮނުވުމަށް އެހީވުމަށެވެ. 

ނަމަވެސް އެ ދަތުރަށް ހުރަސް އެޅުމަށް ދިވެހި ސަރުކާރު މެދުވެރިކޮށް އިނގިރޭސި ސަރުކާރުން މަސައްކަތް ކުރި ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ. ނަމަވެސް ސަރުކާރުން ވަނީ އެކަން ދޮގު ކޮށްފަ އެވެ.

އިނގިރޭސިން 1970 ވަނަ އަހަރު މޮރިޝަސް އަށް މިިނިވަންކަން ދިނީ ޗާގޯސްގެ ރަށްތަކަށް އިނގިރޭސިވިލާތުގެ ބާރު ހިނގާ ގޮތަށް އެ ރަށްތައް ދިނުމުންނެވެ. އެއަށް ފަހު ޗާގޯސްގެ ރަށްތަކުގައި ދިރިއުޅެމުން އައި މީހުން ގަދަކަމުން ބޭލުވި އެވެ. 

ޗާގޯސް އަލުން މޮރިޝަސް އިން 2018 ވަނަ އަހަރު އައިސީޖޭ އަށް ދިޔުމުން އެ ކޯޓުން ވަނީ ޗާގޯސްގެ ސިޔާދަތީ ބާރު އޮންނާނީ މޮރިޝަސް އަށް ކަމަށް ބުނެ އިސްތިޝާރީ ލަފައެއް އަރުވައިފަ އެވެ. އެފަދަ ލަފަޔަކީ އަމަލު ކުރުން ލާޒިމްވާ އެއްޗެއް ނޫނެވެ.

އެ ނިންމުން ބަލައިގަތުމަށް އިނގިރޭސިވިލާތުން ދެކޮޅު ހެދުމަށްފަހު މިދިޔަ އަހަރު ވަނީ މޮރިޝަސް އަށް ޗާގޯސް އަނބުރާ ދޭން އެއްބަސްވެފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.