ސައިކަލުގެ ފަހަތު ސީޓުގައި އިން ކުއްޖާ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް ނިޔާފެވައިވާ ކަމަށް ފުލުހުން ބުންޏެވެ.

ރޭ ދަންވަރު މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 16 އަހަރުގެ ކުއްޖަކު މަރުވެފައިވާކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު ބުނީ، ރޭ ދަންވަރު 1:39 ގައި، ބޮޑުތަކުރުފާނު މަގުން، ސިނަމާލެ ބްރިޖުގެ ޓްރެފިކް ލައިޓް ކައިރިން ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް، ޕޭވްމަންޓް މައްޗަށް އަރައި އެކްސިޑެންޓްފައިވާ ކަމަށެވެ.
މި އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން 19 އަހަރުގެ ފިރިހެން ކުއްޖާ އާއި، ސައިކަލު ފަހަތުގައި އިން 16 އަހަރުގެ ފިރިހެން ކުއްޖާ ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ނަމަވެސް، ސައިކަލުގެ ފަހަތު ސީޓުގައި އިން ކުއްޖާ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް ނިޔާފެވައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އިތުރަށް ބުނީ، މި ސައިކަލް ދުއްވަން އިނީ، އެ ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސެންސް ނޯންނަ މީހެއް ކަމަށާއި އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.