ރިޔާސީ އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމާ ގުޅޭ ގޮތުން އޭޕްރިލް 4 ގައި ފެންނަ ނުފެންނަ ވޯޓެއް ނަގަން ނިންމަވައި ރައީސް ނެރުއްވި ގަރާރު ގާނޫނާ ހިލާފު ކަމަށް އެ ޕާޓިން ބުންޏެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމާ ގުޅޭ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ގަރާރު ބާތިލް ކުރަން ކޯޓަށް ހުށަހަޅަން އެމްޑީޕީން ނިންމައިފި އެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭ ގޮތުން ރައީސް ނެރުއްވި ގަރާރު އޮތީ ގާނޫނުއަސާސީ އަށް ގެނައި އަށް ވަނަ އިސްލާހާ ވެސް ހިލާފަށް ކަމަށެވެ.
އެހެންކަމުން އެ ގަރާރު ބާތިލް ކުރުމަށް ކޯޓަށް ހުށަހަޅަން ނިންމާފައިވާ ކަމަށް މައުރޫފް ވިދާޅުވި އެވެ. ނަމަވެސް ގަރާރު ގާނޫނާ ހިލާފުވާ ގޮތެއް ނުވަތަ އެ މައްސަލައިގެ އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
"އަޅުގަނޑުމެން މިތިބީ މިކަމާ ގުޅޭ ގޮތުން ގާނޫނީ ގޮތުން ވެސް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާ ގޮތަށް،" އޭނާ ވިދާޅުވި އެވެ.
ރައީސް ނެރުއްވި ގަރާރުގައިވާ ގޮތުން ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭ ގޮތުން ނަގާ ފެންނަ ނުފެންނަ ވޯޓު ބާއްވާނީ ލޯކަލް ކައުންސިލް އިންތިހާބާ އެކީ އޭޕްރިލް 4 ގަ އެވެ.
އެ ގަރާރުގައިވާ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ ވޯޓުގައި ކުރާނެ ސުވާލަކީ:
"ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށް ޓަކައި ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފައިވާ "ގާނޫނުއަސާސީ އަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު" ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމަށް ފެނޭ ހެއްޔެވެ؟"
އެކަމާ ގުޅޭ ގޮތުން އެމްޑީޕީން އެންމެ ފަހުން ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވަނީ ދެ އިންތިހާބު އެއްކޮށްލުމާ ދެކޮޅު ވާން ނިންމައިފަ އެވެ.
އެ ޕާޓީން ގަބޫލު ކުރާ ގޮތުގައި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލަން ސަރުކާރުން އުޅެނީ ބާރުތައް އެއްކުރުމުގެ ނިޔަތުގަ އެވެ. ނަމަވެސް ޕީއެންސީން ބުނާ ގޮތުން އެއީ ކައިރި ކައިރީ އިތުރު އިންތިހާބެއް ބާއްވަން ދާ ހަރަދު ސަލާމަތް ކުރުމުގެ ގޮތުންނާއި ސިޔާސީ ގޮތުން ހަމަޖެހުން ގާއިމް ކުރަން އެ ޕާޓީން ނިންމި ނިންމެވުމެކެވެ.