މިދިޔަ އަހަރު ނިމުނުއިރު ޖުމްލަ ދަރަނި 154 ބިލިއަން ރުފިޔާއަށް

ޖުމްލަ ދަރަނި 154 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު މިއީ ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާނަމަ 133.1% ގެ އުފުލުމެކެވެ.

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވާހަކަ ދައްކަވަނީ

މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގެ ޖުމްލަ ދަރަނި  154.8 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް ދައްކައިފި އެވެ. 

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ 2025 ވަނަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގެ ދަރަނީގެ ތަފާސްހިސާބުތައް (ޑެޓް ބުލެޓިން) ދައްކާގޮތުން ޖުމްލަ ދަރަނި 154 ބިލިއަން ރުފިޔާއަށް އަރައި ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމުގެ (ޖީޑީޕީ) ނިސްބަތުން ބަލާނަމަ 133.1% އަށް ވަނީ އުފުލިފަ އެވެ. 

ތަފާސް ހިސާބުތައް ދައްކާ ގޮތުން 2024 ވަނަ އަހަރު ނިމުނުއިރު ދައުލަތުގެ ޖުމްލަ ދަރަނި ހުރީ 144.9 ބިލިއަން ރުފިޔާގަ އެވެ. އެހެންކަމުން، މިދިޔަ އަހަރުގެ ތެރޭގައި ދަރަނީގެ ޖުމްލަ އަދަދަށް ގާތްގަނޑަކަށް 10 ބިލިއަން ރުފިޔާ ވަނީ އިތުރުވެފަ އެވެ.

ދަރަނި ބެހިފައިވާ ގޮތް

ބަޖެޓް ސެންޓްރަލް ގަވަރުމަންޓުގެ ދަރަނި - ސީދާ ސަރުކާރުން ނަގާފައިވާ ދަރަނީގެ ޖުމްލަ އަދަދު ހުރީ 134.3 ބިލިއަން ރުފިޔާ ގައެވެ. މިއީ ޖީޑީޕީގެ ނިސްބަތުން 115.5 ޕަސެންޓެވެ. 

ސަރުކާރުން ގެރެންޓީ ދީފައިވާ ދަރަނި - ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ސަރުކާރުން ގެރެންޓީ ދީގެން ނަގާފައިވާ ދަރަނީގެ ޖުމްލަ އަދަދަކީ 20.4 ބިލިއަން ރުފިޔާ އެވެ. މިއީ ޖީޑީޕީގެ ނިސްބަތުން 17.6 އިންސައްތައެވެ.

އެތެރެ އާއި ބޭރުގެ ދަރަނި

  • ތެރޭގެ ދަރަނި - 91.6 ބިލިއަން ރުފިޔާ (ޖީޑީޕީގެ 78.8%)
  • ބޭރުގެ ދަރަނި - 63.1 ބިލިއަން ރުފިޔާ (ޖީޑީޕީގެ 54.3%)

ބޮޑު ދަރަނި ދެއްކުމުގެ ޕްލޭން

މި އަހަރުގެ އެޕްރީލް މަހު ރާއްޖޭގެ މާލީ ތާރީހުގައި ވެސް އެންމެ ބޮޑު ދަރަންޏެއް އެއްފަހަރާ އަދާކުރާނެ އަހަރެވެ. އޭޕްރީލް މަހު ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކް އަދި އެހެނިހެން ބޭރުގެ ލޯނުތަކާއެކު، މިއަހަރު ދަރަނީގެ ބުރަ ބޮޑުވާނެ އެވެ. 
އަދި މި އަހަރަށް ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓުގައިވެސް ދަރަނި އަދާކުރުމަށް ގާތްގަނޑަކަށް 13 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. ދަރަނި އަދާ ކުރުމުގެ ގޮތުން ސަރުކާރުން ވިސްނާފައިވަނީ ރީފައިނޭންސް ކުރުމަށެވެ. އެގޮތުން އެއްފަހަރާ ބޮޑު އަދަދެއް ދެއްކުމުގެ ބަދަލުގައި ސަރުކާރުގެ އެންމެ ބޮޑު ވިސްނުމަކީ ދަރަނީގެ ބޮޑު ބައެއް ރީފައިނޭންސް ކުރުމެވެ. އެގޮތުން، ބޭރުގެ މާލީ ބާޒާރުން 350 އިން 450 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ހޯދައިގެން މިހާރު އޮތް ދަރަނި ދެއްކުމަށްފަހު، އެ ފައިސާ ދިގު މުއްދަތަކުން ދައްކާ ގޮތަށް ބަދަލުކުރުމަށް ފިނޭންސް މިނިސްޓްރީން ވަނީ އަމާޒުހިފާފައެވެ. މި ލޯނު ނަގަނީ އާއްމު ރޭޓަށްވުރެ ކުޑަކޮށެވެ.  މީގެ އިތުރުން ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުން ވެސް ހަރަދު ކުރާނެ އެވެ. މި ފަންޑަށް މިވަގުތު ވަނީ 275 މިލިއަން ޑޮލަރު ޖަމާކޮށްފަ އެވެ. މިއާއެކު މިހާރު ވަނީ 500 މިލިއަން ޑޮލަރު ބޮޑު ލޯނަށް ޔަގީންކޮށްފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.