"އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި އެެމްޑީޕީ ނަގާ ދެން ކޮޅަކަށް ނުޖެހޭނެ. ދެން އެ ބޭފުޅުންނަށް އެންމެ ރަނގަޅު ގޮތަކަށް ވާނީ އާ ސިޔާސީ ޕާޓީއެއް އުފެއްދުން،" ފަލާހު ވިދާޅުވި އެވެ.

އިދިކޮޅު އެމްޑީޕީ ދެން ނަގައި ކޮޅަށް ނުޖެހޭނެ ކަމަށާއި ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުން މިހާރުވެސް ބަލިވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ކެމްޕެއިން މެނޭޖަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
ތިނަދޫ ސިޓީގެ މާލެ ސަރަހައްދުގެ ޕީއެންސީ އޮފީސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރޭ ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ އިދިކޮޅު ޕާޓީއެއް މިހާރު ނެތް ކަމަށެވެ. އެކަން ކުރިއަށް އޮތް އިންތިހާބުގައި ވާދަކުރަން އިލެކްޝަން ކޮމިޝަނަށް ހުށަހެޅި ފޯމުތަކުން އެނގޭނެ ކަމަށާއި، 450 ގޮނޑިއަށް އެމްޑީޕީން ވާދަ ނުކުރާ ކަމަށެވެ.
ފަލާހު ވިދާޅުވީ 1،352 ގޮނޑީގެ ތެރެއިން އެމްޑީޕީން 30 ޕަސެންޓެއްހާ ގޮނޑިއަށް ވާދަ ނުކުރީ، ކުރިމަތިލާނެ ބަޔަކު ނުލިބިގެން ކަމަށެވެ. އެކަމުން ވެސް އެމްޑީޕީގެ ތާއީދު ދަށަށް ގެއްލިފައިވާ ކަމަށާއި، އިންތިހާބުން މިހާރުވެސް ބަލިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެމްޑީޕީއަށް މިހާރު ދިމާވެފައިވާ ހާލަތަކީ، 2008 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ އިޖުތިމާއީ ފޭރާމާއި އިގުތިސޯދާއި ރާއްޖޭގެ މުޖުތަމައާއި ދައުލަތަށް ދީފައި ހުރި ގެއްލުންތަކާއި، އެބޭފުޅުންގެ ދޮގު ވާހަކަތަކުގެ ސަބަބުން އެމްޑީޕީއަށް މިވަނީ މުޅި ރައްޔިތުންގެ ތާއީދު އެއްކޮށް ގެއްލިފައި،" ފަލާޙު ވިދާޅުވި އެވެ.
އެމްޑީޕީގެ އިސް ސަފުގައި ތިއްބެވި ބޭފުޅުންނަށް ދެން އެ ޕާޓީއާއެކު ކުރިއަށް ދެވޭނެ މަގެއް ނެތް ކަމަށާއި، އެންމެ ރަނގަޅު ގޮތަކީ އާ ސިޔާސީ ޕާޓީއެއް އުފެއްދުން ކަމަށްވެސް ފަލާހު ވިދާޅުވެފައިވެ އެވެ.

"އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި އެެމްޑީޕީ ނަގާ ދެން ކޮޅަކަށް ނުޖެހޭނެ. ދެން އެ ބޭފުޅުންނަށް އެންމެ ރަނގަޅު ގޮތަކަށް ވާނީ އާ ސިޔާސީ ޕާޓީއެއް އުފެއްދުން،" ފަލާހު ވިދާޅުވި އެވެ.
ފަލާހުގެ ވާހަކައިގައި، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލުމާ ދެކޮޅަށް އެމްޑީޕީން އަޑު އުފުލަމުންދާތީ އެކަމަށް ވެސް ރައްދު ދެއްވާފައިވެ އެވެ. އޭނާ ވިދާޅުވީ އެމްޑީޕީގެ މަޖިލީސް މެންބަރުން އުޅުއްވަނީ، މިހިނގާ ދައުރު ކުރުވާތީ ހަ މަސް ދުވަހުގެ އުނިވެދާނެތީ ކަމަށެވެ. އިތުރު އެއްވެސް ކަމެއް ނެތް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ދެ އިންތިހާބު އެއްކޮށްލުމާމެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ ފެންނަ ނުފެންނަ ވޯޓު ނެގުންވެސް އޮތީ އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު، ކައުންސިލް އިންތިހާބާ އެކުގަ އެވެ.