"މިއީ މީގެ ސަބަބުން ފުޅިން ޕްލާސްޓިކްގެ އަސަރު ކާބޯތަކެއްޗަށް ކުރުވައި، އޭގެ ޒަރީއާއިން އިންސާނުންގެ ސިއްހަތަށް ނޭދެވޭ އަސަރު ކުރުމުގެ ފުރުސަތު އޮތް ކަމެއް ކަމުގައި ދަންނަވަން،" އެމްއެފްޑީއޭއިން ބުންޏެވެ.

އެއްފަހަރު ބޭނުންކުރުމަށްފަހު އުކާލާ ނުވަތަ ބަންދުކޮށްފައި ހުންނަ ޕްލާސްޓިކް ފުޅީގައި ކާބޯތަކެތި ބަންދުކޮށްގެން ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފި އެވެ.
އެމްއެފްޑީއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ކާބޯތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކުން، ބޯފެނާއި ލުއި ބުއިންތައް ހުސްކޮށްފައި ހުންނަ ފުޅިތަކުގައި ކާބޯތަކެތި ބަންދުކޮށް ވިޔަފާރީގައި ބޭނުން ކުރަމުންދާކަން ފާހަގަވަމުންދާ ކަމަށެވެ.
އެ ފުޅިތަކަކީ އެއްފަހަރު ބޭނުންކޮށްފައި އުކާލާގޮތަށް ވަކިވައްތަރެއްގެ ޕްލާސްޓިކް (ޕޮލިއެތިލީން ޓެރަތަޔަލޭޓް) އިން ތައްޔާރުކޮށްފައިވާ ފުޅިތަކެއް ކަމަށާއި، އެއީ ހަމައެކަނި ވަކިކަހަލަ އުފެއްދުންތަކަށް ބޭނުންކުރެވޭ ޕްލާސްޓިކް ބާވަތްތަކެއް ކަމަށް އެ އިދާރާއިން ބުންޏެވެ.
"މިއީ މީގެ ސަބަބުން ފުޅިން ޕްލާސްޓިކްގެ އަސަރު ކާބޯތަކެއްޗަށް ކުރުވައި، އޭގެ ޒަރީއާއިން އިންސާނުންގެ ސިއްހަތަށް ނޭދެވޭ އަސަރު ކުރުމުގެ ފުރުސަތު އޮތް ކަމެއް ކަމުގައި ދަންނަވަން،" އެމްއެފްޑީއޭއިން ބުންޏެވެ.
އެހެންކަމުން، ބޯފެނާއި ލުއި ބުއިންތައް ހުސްކުރި ފުޅިތައް ކާބޯތަކެތި ބަންދު ކުރުމަށް ބޭނުން ނުކުރުމަށް އެ އިދާރާއިން ވަނީ އަންގާފަ އެވެ.