މިދިޔަ ހުކުރު ދުވަހު ހިދުމަތް ދޭން ފަށާފައިވާ ކަމަށާއި، އަދި ކޮންމެ ހުކުރު ދުވަހެއްގައި ވެސް ތެލަސީމިއާ ސެންޓަރު ހުޅުވައި، ލޭ އެޅުމުގެ ހިދުމަތް ލިބެމުންދާނެ ކަމަށް ވެސް ރައީސް ވިދާޅުވި

ތެލެސީމިއާ ސެންޓަރުން ހުކުރު ދުވަސްތަކުގައި ވެސް ހިދުމަތް ދޭން ފަށައި، އެކަން މުސްތަގުބަލުގައި ވެސް ކުރިއަށް ގެންދާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޑިސެމްބަރު، 1994 ގައި ތެލަސީމިއާ ސެންޓަރު ހުޅުވިފަހުން މިހާތަނަށް ރަސްމީކޮށް ހުކުރު ދުވަހެއްގައި އެ ސެންޓަރުގެ ހިދުމަތް ދީފައިނުވާ ކަމަށެވެ.
ނަމަވެސް މިދިޔަ ހުކުރު ދުވަހު ހިދުމަތް ދޭން ފަށާފައިވާ ކަމަށާއި، އަދި ކޮންމެ ހުކުރު ދުވަހެއްގައި ވެސް ތެލަސީމިއާ ސެންޓަރު ހުޅުވައި، ލޭ އެޅުމުގެ ހިދުމަތް ލިބެމުންދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިދިޔަ ހުކުރު ދުވަހު ވެސް 14 ޓްރާންސްފިއުޝަން ހަދައި އަދި ފަސް މީހަކު ލޭ ހަދިޔާ ކޮށްފައިވާ ކަމަށެވެ.
އަދި ރޯދަ މަސް ނިމުމުން ވެސް ހުކުރު ދުވަހުގެ ވަކި ގަޑިތަކެއްގައި ލޭއެޅުމުގެ ހިދުމަތް ލިބޭނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
އޭގެ ސަބަބުން އަތޮޅުތަކުން ހަފްތާ ބަންދުގައި މާލެ އައިސް ލޭ އަޅަން ބޭނުންވާ މީހުންނަށާއި ލޭ ހަދިޔާކުރާ މީހުންނަށް ވެސް ހުކުރު ދުވަހު ލޭ ހަދިޔާކުރަން ފަސޭހަވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.