ވަކި ގިންތިތަކަކަށް ނިސްބަތްވާ ބައެއް މުވައްޒަފުންގެ ރަސްމީ ގަޑިއަކީ 6-8 ގަޑިއިރާ ދެމެދު ކަމަށް ބުނެ ބައެއް ހޮސްޕިޓަލުތަކުން އެތަނުގެ މުވައްޒަފުން އެ ވަގުތަށް މަސައްކަތްކުރަން މަޖޫބޫރު ކޮށްފައިވާ ކަމަށް ބުނި

މި ހިނގާ ރޯދަ މަހު، މަސައްކަތުގެ ރަސްމީ ގަޑިތައް ސަރުކާރުން ކަނޑައަޅާފައިވަނިކޮށް، އެކި ހޮސްޕިޓަލުތަކުގައި އެކި މުވައްޒަފުންނަށް މަސައްކަތް ކުރަންޖެހޭ ގަޑި ތަފާތުކުރާތީ، މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަން އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ފާއިތުވި އަހަރުތަކެކޭ އެއްގޮތަށް، މި އަހަރުގެ ރޯދަ މަހު ވެސް، ރަސްމީ މަސައްކަތުގެ ގަޑިއަކީ، ހަތަރު ގަޑިއިރު ކަމަށް ސަރުކާރުން ވަނީ ކަނޑައަޅައިފަ އެވެ.
ނަމަވެސް، މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަން އިން ނެރުނު ބަޔާނެއްގައި ބުނީ، ސިއްހީ ދާއިރާގެ މުވައްޒަފުންގެ ތެރެއިން ވަކި ގިންތިތަކަކަށް ނިސްބަތްވާ ބައެއް މުވައްޒަފުންގެ ރަސްމީ ގަޑިއަކީ 6-8 ގަޑިއިރާ ދެމެދު ކަމަށް ބުނެ ބައެއް ހޮސްޕިޓަލުތަކުން އެތަނުގެ މުވައްޒަފުން އެ ވަގުތަށް މަސައްކަތްކުރަން މަޖޫބޫރު ކޮށްފައިވާ ކަމަށެވެ.
މީގެއިތުރުން، މެއި 1، 2022 ގައި އަމަލުކުރަން ފަށާފައިވާ ދައުލަތުގެ ޕޭ ފްރޭމްވޯކްގެ މިންގަނޑުތަކުގައިވާ ގޮތުން، އެ އޮނިގަނޑަށް ހިޖުރަ ކޮށްފައިވާ މުވައްޒަފުންގެ މުސާރަތައް ކަނޑައަޅާފައި ވަނީ ދުވާލަކު އަށް ގަޑިއިރު އަދި ހަފުތާއަކު ހަ ދުވަހުގެ މަސައްކަތު ގަޑިއަށް ކަމަށް އެ ޔޫނިއަނުން ބުންޏެވެ.
"ސިއްހީ ދާއިރާގެ މަސައްކަތްތެރިންގެ ތެރެއިން ވަކި ގިންތިތަކަކަށް ނިސްބަތްވާ މަސައްކަތްތެރިން ދުވާލަކު 8 ގަޑިއިރު އަދި ހަފްތާއަކު 6 ދުވަހު މަސައްކަތްކުރަމުންދާކަން ފާހަގަކުރަމެވެ. މިއީ އެއްހަމައަަކުން މުސާރަ އާއި ވަޒީފާގެ އުސޫލުތައް ކަނޑައެޅިފައިވާ މުވައްޒަފުންގެ މެދުގައި ގެންގުޅޭ ވަރަށް ބޮޑު ތަފާތުކުރުމެކެވެ،" އެ ބަޔާނުގައިވެ އެވެ.
އެއާއެކު، އެ ޔޫނިއަނުން ވަނީ ހޮސްޕިޓަލުތަކާއި ސިއްހީ ހިދުމަތްދޭ ހުރިހާ ތަނެއްގެ ވެސް ރަސްމީ ގަޑިއަކީ ހަތަރު ގަޑިއިރު ކަމަށް ރޯދަމަހު ހަމަޖެއްސުމާ އެކު، ރޯދަމަހު ހަތަރު ގަޑިއިރަށް ވުރެ އިތުރަށް މަސައްކަތްކުރުވާ ނަމަ، އެ މީހުންނަށް އެކަށީގެންވާ އިނާޔަތެއް ދިނުމަށް ޕޭ ކޮމިޝަނަށް ގޮވާލައިފަ އެވެ.