ޗާގޯސްގެ އެއް ރަށެއްގައި ދާއިމީކޮށް ވަޒަންވެރިވުމަށް މަސައްކަތް ކުރަމުންދާ ހަތަރު މީހަކަށް ބޭނުންވާ ޒަރޫރީ ސާމާނު ފޯރު ކޮށްދިނުމަށް ފަރާޖް ވަނީ ރާއްޖެ ވަޑައިގެންފަ އެވެ.

އިނގިރޭސިވިލާތުގެ ސިޔާސީ ޕާޓީއެއް ކަމަށްވާ "ރިފޯމް ޔޫކޭ" ގެ ލީޑަރު ނައިޖަލް ފަރާޖް ޗާގޯސް އަށް ކުރަން އުޅުނު ދަތުރަށް ދިވެހި ސަރުކާރުން ހުރަސް އެޅި ކަމަށް އޭނާ ކުރެއްވި ތުހުމަތު ދޮގު ކޮށްފި އެވެ.
ޗާގޯސްގެ އެއް ރަށެއްގައި ދާއިމީކޮށް ވަޒަންވެރިވުމަށް މަސައްކަތް ކުރަމުންދާ ހަތަރު މީހަކަށް ބޭނުންވާ ޒަރޫރީ ސާމާނު ފޯރު ކޮށްދިނުމަށް ފަރާޖް ވަނީ ރާއްޖެ ވަޑައިގެންފަ އެވެ.
ފަރާޖް "އެކްސް" ގައި ކުރި ވީޑިއޯ ޕޯސްޓެއްގައި ވިދާޅުވީ އޭނާ ޗާގޯސް އަށް ފުރުން ހުއްޓުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް އިނގިރޭސި ސަރުކާރުން އެދިފައިވާ ކަމަށެވެ. އިނގިރޭސި ސަރުކާރާއި ހައި ކޮމިޝަނުން އޭނާ ހޯދުމަށް ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށާއި ޗާގޯސް އަށް ފުރަން އެއްގޮތަކަށް ވެސް ބޭނުން ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެއީ ހަގީގަތެއްތޯ "ދަ މިރާ" އިން ސަރުކާރުގެ ކަމާބެހޭ އިސް އޮފިޝަލަކާ ސުވާލު ކުރުމުން އޭނާ ވަނީ އެކަން ދޮގު ކުރައްވައިފަ އެވެ.
ސަރުކާރުން އެފަދަ އެއްވެސް ދަތުރަކަށް ހުރަސް އަޅާފައި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޗާގޯސްގެ ރަށްވެހިން މަޖުބޫރުން އެތަނުން ބާލުވާފައި ވަނީ 1960 އާއި 1970 ގެ އަހަރުތަކުގަ އެވެ. އެއަށް ފަހު އިނގިރޭސިވިލާތުން ވަނީ އެމެރިކާގެ އަސްކަރީ މަރުކަޒެއް ޑިއޭގޯ ގާސިއާގައި ހެދުމަށް އެތަން ވިއްކާލައިފަ އެވެ.
މިހާރު އެ ރަށްތައް މޮރިޝަސްއަށް ދިނުމަށް އިނގިރޭސި ސަރުކާރުން އެއްބަސްވެފައިވީ ނަމަވެސް ރާއްޖެއިން ވެސް އަންނަނީ އެ ސަރަހައްދުގެ މިލްކުވެރިކަމަށް ހޯދުމަށް ވަކާލާތު ކުރަމުންނެވެ.