އެމްއެމްއޭއިން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގެ ޔޫޒަބަލް ރިޒާވް މިހާރު ހުރީ 300 މިލިޔަން ޑޮލަރުގަ އެވެ.

ރާއްޖޭގެ ޔޫޒަބަލް ރިޒާވް ނުވަތަ ބޭނުން ކުރެވޭ ރިޒާވް ކޮވިޑް-19 އައުމުގެ ކުރީގައި ހުރި މިންވަރަށް އިތުރު ވެއްޖެ އެވެ.
އެމްއެމްއޭއިން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގެ ޔޫޒަބަލް ރިޒާވް މިހާރު ހުރީ 300 މިލިޔަން ޑޮލަރުގަ އެވެ. މި އަދަދަކީ ކޮވިޑު-19 ގެ ކުރީގައި ރާއްޖޭގެ އިގްތިސޯދު އެންމެ ވަރުގަދަކޮށް އޮތް ދުވަސްވަރު ރިޒާވްހުރި މިންވަރެވެ. މިދިޔަ ފަސް އަހަރުގެ ހިސާބުތަކަށް ބަލާއިރު ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް އެންމެ މަތިވެފައިވަނީ 2019 ވަނަ އަހަރު އެވެ.
ރާއްޖޭގެ ރިޒާވްގައި އެވްރެޖުކޮށް ހުންނަނީ މަސް ދުވަހުގެ އިމްޕޯޓަށްވާ ފައިސާ އެވެ. ނަމަވެސް މިދިޔަ 2024 ގައި ރާއްޖޭގެ ރިޒާވް ދަށްވެގެން ދިޔަ އެވެ. ނަމަވެސް ބޭންކިން ނިޒާމަށް ޓޫރިޒަމް ސިނާއަތުގެ ފައިސާ މާރުކުރަން ފެށުމާއެކު މި އަދަދު ވަނީ އިތުރު ވެގެން ގޮސްފަ އެވެ.
އެމްއެމްއޭގެ މައުލޫމާތުތަކަށް ބަލާއިރު ރާއްޖޭގެ ޔޫޒަބަލް ރިޒާވްގައި 300 މިލިއަން ޑޮލަރު މިހާރު ހުރިއިރު ޖުމްލަ ރިޒާވްހުރީ އެއް ބިލިއަން ޑޮލަަރަށްވުރެ މަތީގަ އެވެ. މިދިިޔަ އަހަރު ނިންމާލިއިރު މިއަދަދު ހުރީ 983 މިލިޔަން ޑޮލަރުގައެވެ. ޔޫޒަބަލް ރިޒާވް ހިސާބު ކުރަނީ ކުރު މުއްދަތުގެ ދަރަންޏާއި އިމްޕޯޓް ފައިސާ ކެނޑުމަށްފަހު އެވެ.