މިއީ ޓިއުސް ގްރޫޕުން ރާއްޖޭގައި ތަރައްގީ ކުރާ ފުރަތަމަ ރިސޯޓެެވެ. މިއީ ދުނިޔޭގެ ކުރިއަރާފައިވާ ހޮޓެލް އޮޕަރޭޓަރުންނާ ގުޅިގެން ޓޫރިޒަމް ރިއަލް އެސްޓޭޓް ފުޅާކުރުމަށް ގެންގުޅޭ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ.

ރާއްޖޭގެ ޓޫރިޒަމް ރިއަލްއެސްޓޭޓް ވިޔަފާރިއަށް ނުކުތުމުގެ ގޮތުން ތަރައްގީ ކުރާ ފުރަތަމަ ރިސޯޓް ހިންގަން ޓިއުސް ގްރޫޕާއި ރެޑިސަން ހޮޓެލް ގްރޫޕާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ގަލްފް ނިއުސްގައިވާ ގޮތުން ދުބާއީގައި ހުންނަ ރެޑިސަންގެ އޮފީހުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރީ ޓިއުސް ގްރޫޕާއި ރެޑިސަން ހޮސްޕިޓަލިޓީ ބެލްޖިއަމްއާ ދެމެދުގައެވެ. މި ރިސޯޓު ތަރައްގީކުރަނީ ކޮން ރަށެއްގައިކަމެއް ޓިއުސް ގްރޫޕުންނާއި ރެޑިސަން އިން އަދި ހާމަކޮށްފައެއް ނުވެއެވެ.
މި ސޮޔާއެކު ރިސޯޓުގެ ހުރިހާ އޮޕަރޭޝަނެއް ބަލަހައްޓާނީ ރެޑިސަންގެ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށެވެ. އަދި ރިސޯޓުގެ ކޮމާޝަލް ސްޓްރެޓެޖީ އާއި މާކެޓިން އަދި ފެންވަރު ހިފެހެއްޓުމުގެ މަސައްކަތް ކުރާނީ ރެޑިސަން އިންނެވެ.
މިއީ ޓިއުސް ގްރޫޕުން ރާއްޖޭގައި ތަރައްގީ ކުރާ ފުރަތަމަ ރިސޯޓެެވެ. މިއީ ޓިއުސް ގްރޫޕުން ދުނިޔޭގެ ކުރިއަރާފައިވާ ހޮޓެލް އޮޕަރޭޓަރުންނާ ގުޅިގެން ރިސޯޓް ރިއަލް އެސްޓޭޓް ފުޅާކުރުމަށް ގެންގުޅޭ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ.
ރެޑިސަން ހޮޓެލް ގްރޫޕްގެ އޭޝިއާ ޕެސިފިކްގެ ޗީފް ޑިވެލޮޕްމަންޓް އޮފިސަރު ރަމްޒީ ފެނިއަނޯސް ވިދާޅުވީ ރާއްޖެއަކީ މެނޭޖްމަންޓްގެ ފެންވަރު ވަރަށް މުހިންމު މާކެޓެއް ކަމަށާއި މި ޕާޓްނަޝިޕްގެ ސަބަބުން ދިގުމުއްދަތުގައި ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. ޓިއުސް ގްރޫޕްގެ ފައުންޑަރު އަދި ސީއީއޯ ބާސެލް ހުއާރީ ވިދާޅުވީ، ރެޑިސަންއާ އެކު ސޮއިކުރި މި އެއްބަސްވުމަކީ އެ ގްރޫޕުން ބައިނަލްއަގުވާމީ މާކެޓްތަކުގައި ފައިތިލަ ސާބިތުކުރުމަށް ކުރާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ.
ޓިއުސް ގްރޫޕް އަކީ ބައިނަލްއަގުވާމީ ފެންވަރުގައި ރިއަލް އެސްޓޭޓް ތަރައްގީކުރާ ކުންފުންޏެކެވެ. ޓިއުސް ގްރޫޕަކީ މައިގަނޑު ގޮތެއްގައި ޕްރީމިއަމް ރިސޯޓް ރިއަލް އެސްޓޭޓް ތަރައްގީކުރުމަށް އަމާޒު ހިފާފައިވާ ކުންފުންޏެކެވެ. އެ މީހުންގެ ސްޓްރެޓެޖީއަކީ އަމިއްލަ އަށް ރިސޯޓުތައް ފަރުމާކޮށް ބިނާކުރުމަށްފަހު، އެތަންތަން ހިންގުމަށް ދުނިޔޭގެ އެންމެ މަޝްހޫރު ހޮޓެލް ބްރޭންޑްތަކާ ހަވާލުކުރުމެވެ.