ފެނުނު ކަށިތަކުގެ ތެރެއިން އެންމެ ދުވަސްވީ ތަކެއްޗަށް 4,000 އަހަރުވެފައިވާއިރު، ބައެއް މަމީތަކަކީ މީގެ 130 ވަރަކަށް އަހަރު ކުރިން އުޅުނު އެއްޗެހިކަން ވަނީ އެނގިފަ އެވެ.

ސައުދީ އަރަބިއްޔާގެ އުތުރުގެ ސަރަހައްދެއް ކަމަށްވާ އަރާރް ކައިރީގައި ހުރި ހޮހަޅަތަކަކުން ފެނުނު، ގުދުރަތީ ގޮތުން މަމީވެފައިވާ ހަތް މިނިކާވަގުގެ ހަށިގަނޑު ދިރާސާކުރުމަށްފަހު، އެ ސަރަހައްދުގެ ތިމާވެށީގެ ތާރީޚާ ބެހޭ މުހިންމު ހޯދުންތަކެއް ސައިންސްވެރިން ހާމަކޮށްފި އެވެ.
ނޭޝަނަލް ސެންޓަ ފޯ ވައިލްޑްލައިފްގެ ރިސާޗަރުންނަށް 2022 އަދި 2023 ވަނަ އަހަރު ފެނުނު މި ހަށިގަނޑުތަކަކީ މަސްތަކާއި ކަށިތައް ރަނގަޅަށް ރައްކާތެރިވެފައިވާ ތަކެއްޗެވެ. މި ތަކެތި ފެނިފައިވަނީ ހޮހަޅައަކުންނެވެ.
މިދިޔަ ޖެނުއަރީ މަހު ކޮމިއުނިކޭޝަން އާތް އެންޑް އެންވަޔަރުމަންޓް ޖާނަލްގައި ޝާއިޢުކުރި މި ދިރާސާއިން އެނގުނު ގޮތުގައި މީގެ ކުރިން ގަބޫލުކުރެވިފައި އޮތީ ސައުދީގައި އުޅުނީ ހަމައެކަނި 'އޭޝިއާޓިކް ޗީތާ' ބާވަތުގެ މިނިކާވަރު ކަމަށެވެ. ނަމަވެސް ޑީއެންއޭ ޓެސްޓުތަކުން ދެއްކި ގޮތުގައި ފެނުނު ބައެއް ހަށިގަނޑުތަކަކީ 'ނޯތުވެސްޓް އެފްރިކަން ޗީތާ' އާ ނަސްލުގެ ގޮތުން ގާތް އެއްޗެހިތަކެކެވެ.

ފެނުނު ކަށިތަކުގެ ތެރެއިން އެންމެ ދުވަސްވީ ތަކެއްޗަށް 4,000 އަހަރުވެފައިވާއިރު، ބައެއް މަމީތަކަކީ މީގެ 130 ވަރަކަށް އަހަރު ކުރިން އުޅުނު އެއްޗެހިކަން ވަނީ އެނގިފަ އެވެ. މިއީ ސައިންސްވެރިން ކުރިން ހީކުރި ވަރަށްވުރެ މާ ފަހަކާ ޖެހެންދެންވެސް ސައުދީގައި މިނިކާވަގު އުޅުނުކަމުގެ ހެއްކެކެވެ. މިނިކާވަގަކީ އާންމުކޮށް ހޮހަޅަ ބޭނުންކުރާ އެއްޗަކަށް ނުވާއިރު، މި ހަށިގަނޑުތައް ހޮހަޅައިގެ ތެރެއިން ފެނުމަކީ ރިސާޗަރުންނަށް ލިބުނު ބޮޑު ހައިރާންކަމެކެވެ.
ސައުދީ އަރަބިއްޔާގައި 1970 ގެ އަހަރުތަކުން ފެށިގެން މިނިކާވަގު ވަނީ މުޅިން ހުސްވެފަ އެވެ. ނަމަވެސް މި އާ ހޯދުމާއެކު އެ ސަރަހައްދުގެ ތިމާވެއްޓާ އެންމެ ގުޅޭ ނަސްލުގެ މިނިކާވަގު ހޯދައި، އަލުން އެތަކެތި ސައުދީގެ ޖަންގަލިތަކަށް ދޫކުރުމުގެ މަސައްކަތަށް ބޮޑު ބާރެއް ލިބިގެންދާނެ ކަމަށް އެ ސެންޓަރުގެ ޑެޕިއުޓީ ސީއީއޯ އަހުމަދު އަލް ބޫގް ވިދާޅުވި އެވެ.
މި ދިރާސާގައި ބައިވެރިނުވާ ބައެއް ތަޖުރިބާކާރުން ބުނާ ގޮތުގައި މި ހޯދުމުން އެނގެނީ އަރަބި ބިންކަރައަކީ އެފްރިކާ އާއި އޭޝިއާގެ މިނިކާވަގުތަކުގެ މެދުގައި އޮތް މުހިންމު "ބްރިޖެއް" ކަމަށެވެ.އަދި އެ ސަރަހައްދުގެ ތިމާވެއްޓަކީ މިނިކާވަގުތައް އާލާވުމަށް އެކަށީގެންވާ ތަނެއްކަން މިހާރު ވަނީ ސާބިތުވެފަ އެވެ.